ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެ
7 ޑިސެމްބަރު 2025 - 06:42

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދެމުން އަންނަ, ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް, ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު"، ރާއްޖެއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ހޯދައިފިއެވެ.
ރާއްޖެއަށް ހަވަނަ ފަހަރަށް މި ޝަރަފް ދީފައި ވަނީ, އިއްޔެ ބަހުރެއިންގައި ބޭއްވި 32 ވަނަ "ވޯލްޑް ޓްރެވަލް އެވޯޑްސް"ގައެވެ.

Ad by Hajj Corporation
އެ ހަފްލާގައި ރާއްޖެއިން ވަނީ އިތުރު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން، ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް އެވޯޑްގެ ލިބިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލަށެވެ. އަދި ވޯލްޑޯފް އެސްޓޯރިއާ، އިތާފުށިން ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ އެވޯޑު ހޯދިއިރު، ވައްކަރު މޯލްޑިވްސްއިން ވަނީ ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑު ހާސިލްކޮށްފައެވެ. މީގެއިތުރުން، އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ވަނީ ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓްގެ އެވޯޑު ހޯދާފައެވެ. ރާއްޖެއަށް ވަނީ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ވެސް ލިބިފައެވެ.
1993 ގައި އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އެވޯޑް ޕްރޮގްރާމެވެ. އަދި މިއީ ސިނާއަތުގެ އެންމެ މަތީ ފެންވަރުގެ ނިޝާނެއްގެ ގޮތުގައި ދުނިޔެ ބަލައިގަނެވިފައިވާ އެވޯޑެކެވެ. މި އެވޯޑްތައް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޤާބިލު ފަންނުވެރިންނާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ވޯޓުލުމުގެ ނިޒާމެއްގެ ދަށުންނެވެ.
ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަޝްހޫރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ގިނަ އެވޯޑްތަކެއް އަބަދުވެސް އަންނަނީ ލިބެމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް، އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
އެގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 2,046,615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް ރާއްޖެއަށް 2,034,827 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެވްރެޖް ގޮތެއްގައި މިހާރު ރާއްޖެއަށް ދުވާލަކު 6,056 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 178 ރިސޯޓާއި 950 ގެސްޓްހައުސްގެ އިތުރުން 16 ހޮޓަލާއި 167 ސަފާރީ އުޅަނދު އޮޕަރޭޓުކުރެއެވެ.
ދިވެހިރާއްޖެއިން ފަތުރުވެރިންނަށް ދައުވަތު ދެނީ ސަނީ ސައިޑް އޮފް ލައިފްގެ ދެމިގެންދާ ޖާޒިބުކަން ތަޖުރިބާކުރުމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ރީތި، ސާފު ގޮނޑުދޮށްތަކާއި، ކަނޑާއި އޭގެ ދިރުންތައް ހިމެނެއެވެ. ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ފަޚުރުވެރި ހުރުމުގެ ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭއިރު، ދިވެހިރާއްޖެއިން ވަޢުދުވަނީ ހަނދާންނައްތާނުލެވޭނެފަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށެވެ.


