ކ. އަތޮޅަށް އެކަނިވެސް 166،867 ފަތުރުވެރިން!
20 ފެބްރުއަރީ 2026 - 05:20

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، 170،000 އާ ގާތްކުރާ އަދަދަކާއެކު، ކ. އަތޮޅަށް ކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 390,004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 360,401 ފަތުރުވެރިންނާ އަޅާ ބަލާއިރު 8.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ 166،867 ފަތުރުވެރިންނެވެ. 35،451 ފަތުރުވެރިންނާއެކު މި ލިސްޓުގެ ދެވަނައިގައި އޮތީ އދ. އަތޮޅު އޮތްއިރު، 31،870 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ އއ. އަތޮޅެވެ.

Ad by Hajj Corporation
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅަށް ކ. އަތޮޅު ވެފައިވާއިރު، އެއަތޮޅަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެއިން އެންމެ ގިނަ އެނދު މިވަގުުތު އޮޕަރޭޝަނުގައި ހުރި އަތޮޅުވެސް މެއެވެ. އެގޮތުން މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި 67،027 އެނދުގެ ތެރެއިން 24،864 އެނދު، އޮޕަރޭޝަނުގައި ހުރި ކ. އަތޮޅުގައެވެ. މީގެ ތެރޭގައި 15،566 ރިސޯޓާއި 1،604 ހޮޓަލުގެ އިތުރުން 7،694 ގެސްޓްހައުސް ހިމެނެއެވެ.
މިއަހަރުގެ މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި 387،594 ފަތުރުވެރިންނާއި، ވިޔަފާރީގެ އެކި ބޭނުންތަކަށް ޒިޔާރަތްކުރި 1،345 ފަތުރުވެރިންގެ އިތުރުން ކްރޫޒްލައިނަރތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،065 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,959 ފަތުރުވެރިން އާދެއެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެއް ދުވަަކު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އެދުވަހު، 11,136 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.


