ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފި
30 މާރިޗު 2026 - 03:51

ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ދީފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މާލީ އިދާރާތަކާއި މަޝްވަރާކޮށް ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން ބީއެމްއެލްއާއި އެކު ބޭއްވި މަޝްވަރާތަކުގައި އެފަރާތްތަކުން މިހާރު ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެ ވިޔަފާރިތަކަށް އެހީވުމަށް މަޝްވަރާ ކުރަމުންދާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

Ad by Hajj Corporation
ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މަސައްކަތްކުރަމުންދާ ކަމަށާއި މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން އެންމެ އިސްކަމެއް ދެނީ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށްކަމަށެވެ.
ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ ކަމަށާއި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެ ކަމަށާއި އެކަމަށް ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، މި ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ބީއެމްއެލް އިން ދެއެވެ.

.jpg&w=3840&q=75)
