ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހަށް ހަމަވާނެ
9 ޖޫން 2026 - 05:13

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ 'ބީއެމްއެލް ފަންޑް' އަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބް، ޖަމިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން، މުޖުތަމަޢަށް ފައިދާހުރި ތަފާތު ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށް އެހީތެރިވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ގްރާންޓެކެވެ. މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

Ad by Hajj Corporation
ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި، މި ފަންޑަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކާއި އެޕްލިކޭޝަން ފޯމު bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ގްރާންޓަށް ހުޅުވާލާއިރު، މި ފަންޑު ކާމިޔާބުކުރާ 5 ފަރާތަކަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ އަމާޒަކީ މި ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ކުރުވުމެވެ.


