ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭނަމަ އެކަން ހައްލުކޮށްދޭނަން: ބީއެމްއެލް
5 ޖޫން 2026 - 07:18

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި އެ މައްސަލަ ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު، ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ވަނީ، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުމަށް ނިންމާފައެވެ.

Ad by Hajj Corporation
އެ ކަމާ ގުޅިގެން އިއްޔެ ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ސަބްސްކްރިޕްޝަންތައް 'ޑެއިލީ ފޮރިން ސްޕެންޑުގައި' ނުހިމެނޭ ކަމަށާއި އެ ޕޭމަންޓުތައް ލިމިޓުކޮށްފައެއް ނުވާނެ ކަމަށެވެ.
ނަމަވެސް، އެކި ކަންކަމާ ގުޅިގެން ބައެއް މީހުންގެ ސަބްސްކްރިޕްޝަންތައް ނުދެއްކޭ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ބެންކުން ބުނެފައިވެއެވެ. އަދި، އެފަދަ ޕޭމަންޓުތައް ފައިސާ ނުދެއްކޭނަމަ، ވީއެންމެ އަވަހަށް އެ ކަން އެންގުމުން ވަގުތުން މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
އެ ބެންކުން ވަނީ، ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު އިތުރުވާ ކަމަށް ބުނެ، ތަފާސްހިސާބުތަކެއް ވެސް އާންމުކޮށްފައެވެ.
ބީއެމްއެލްއިން ފިޔަވަޅުތައް އަޅައިފައިވަނީ އެ ބެންކަށް ދަތިތަކެއް ދިމާވުމުން ކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި، މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ


