ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް
18 މާރިޗު 2026 - 06:00

އަހަރުގެ މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، އޭގެތެރެއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 562,956 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 5.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 535,781 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 378,850 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 146,351 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 16,061 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 11,744 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:
• ޗައިނާ - 86,464 ފަތުރުވެރިން
• ރަޝިއާ - 66,960 ފަތުރުވެރިން
• އިނގިރޭސިވިލާތް - 53,077 ފަތުރުވެރިން
• އިޓަލީވިލާތް - 52,632 ފަތުރުވެރިން
• ޖަރުމަނުވިލާތް - 35,811 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ދުވާލަކަށް އެވްރެޖްކޮށް ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު 6000 އިން މަތީގައި އުޅުނުކަމުގައިވީނަމަވެސް މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އުޅެނީ 4000 ގައެވެ. އެއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ މެދުއިރުމަތީގެ މަގުން ޒިޔާރާތްކުރުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.


