ރެކޯޑު މައްޗަށް ރެކޯޑު؛ ހޮނިހިރު ދުވަހު 11،136 ފަތުރުވެރިން!
16 ފެބްރުއަރީ 2026 - 05:09

މިއަހަރު ފެށުނީންސުރެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ތެރެއަށް އިތުރު ބޮޅެއް އެއްވެ، މިދިޔަ ހޮނިހިރު ދުވަހަކީ އަނެއްކާވެސް ރެކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރަކަށް ވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު، 11,136 ފަތުރުވެރިން ރާއްްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

Ad by Hajj Corporation
އެ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް 349,990 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 325,277 ފަތުރުވެރިންނާއަޅާ ބަލާއިރު %7 އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 8,943 ފަތުރުވެރިން އާދެއެވެ. މިއީ، މިދިޔަ އަހަރު ނިމުނު އިރު ދުވާލަކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު ގާތްގަނޑަކަށް 27.8% އިތުރު އަދަދެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ގިނަ އަދަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ވަކީން ހާއްސަކޮށް މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖެއަށް 9000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޑިސެންބަރުމަހާ އަޅާބަލާއިރު %8.2 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް، އެޤައުމުން 49,704 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 40,141 އަށް އަރާފައެވެ. 34,320 ފަތުރުވެރިންނާއެކު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤައުމަކީ އިޓަލީވިލާތެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނެއުމަކީ ސަރުކާރުގެ އަމާޒެވެ.


