ހޮއިލަންޑްގެ ގޯލާއެކު ޔުވެންޓަސް ބަލިކޮށް ނަޕޮލީ އެއްވަނައަށް
8 ޑިސެމްބަރު 2025 - 03:46

އިޓަލީގެ ސެރީ އާގައި ރޭ ޔުވެންޓަސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، ނަޕޯލީން ލީގުގެ އެއްވަނަ ހޯދައިފިއެވެ. ނަޕޯލީގެ ދެ ގޯލު ވެސް ޖަހައިދިނީ ފޯވާޑް ރަސްމުސް ހޮއިލުންޑް އެވެ. އެގޮތުން ޓީމު މޮޅުކޮށްދިން ގޯލު ޖަހައިދިނީ މެޗުގެ 78 ވަނަ މިނެޓުގައި ޖެހި ލަނޑާއެކުއެވެ. މި މޮޅާއެކު ނަޕޯލީ މިވަނީ ލީގުގެ ދެވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ އެއް ޕޮއިންޓުގެ ކުރި ހޯދާފައެވެ.
ނަޕޯލީގެ ސްޓެޑިއޯ ޑިއޭގޯ އަރމަންޑޯ މަރަޑޯނާގައި ކުޅުނު މި މެޗު ނަޕޯލީއިން ފެށީގަދަކޮށެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ޑޭވިޑް ނެރެސް ދިން ހުރަހަކުން ހޮއިލުންޑް ވަނީ ނަޕޯލީއަށް ލީޑު ނަގައިދީފައެވެ. މިއީ 1989 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހަށް ފަހު، ސެރީ އާގައި ޔުވެންޓަސްއާ ދެކޮޅަށް ނަޕޯލީން އެންމެ އަވަހަށް ޖެހި ލަނޑެވެ.

Ad by Hajj Corporation
މެޗުގެ 59 ވަނަ މިނެޓުގައި ޔުވެންޓަސްގެ ވެސްޓަން މެކެނީ ދިން ބޯޅައަކުން ކެނަން ޔިލްޑިޒް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ނަމަވެސް، ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހޮއިލުންޑް ވަނީ ޓީމު ސަލާމަތްކޮށްފައެވެ. މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ނެރެސް ދިން ހުރަހެއްގައި މެކެނީގެ ބޮލުގައި ޖެހިފައި އައި ބޯޅަ، ހޮއިލުންޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ މި ސީޒަނުގައި ސެރީ އާގައި ހޮއިލުންޑް ޖެހި ހަތަރު ވަނަ ގޯލެވެ.
ނަޕޯލީ 2025 ވަނަ އަހަރުގެ ކަލަންޑަރު އަހަރުގެ ތެރޭގައި އެ ޓީމުގެ އަމިއްލަ ދަނޑުގައި ސެރީ އާގައި އެއްވެސް މެޗަކުން ބަލިވެފައި ނުވެއެވެ. މި މޮޅާއެކު ނަޕޯލީ މިވަނީ ލީގުގެ އެއްވަނަ ހޯދާފައެވެ. ނަމަވެސް މާދަމާ ރޭ އޭސީ މިލާނުން ޓޮރީނޯ ބަލިކޮށްފިނަމަ، ލީގުގެ އެއްވަނައިގައި ނަޕޯލީއާ އެއްވަރުވާނެއެވެ.


