އައު ފީޗަރސްތަކާއެކު ފުލުހުންގެ "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފި
8 ޑިސެމްބަރު 2025 - 09:22

އައު ޚިދުމަތްތަކާއި ފީޗަރސްތަކާއެކު ފުލުހުންގެ އެޕްލިކޭޝަން "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަނެވޭ ގޮތަށް އަދި ޚިދުމަތަށް އެދެވޭ ގޮތަށް ތައްޔާރުކޮށް، އަދާހަމަކޮށްފައިވާ އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.
"ޕޮލިސް އެމްވީ" އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް، މޯލްޑިވްސް 2.0 އުސޫލުތަކާއި އެއްހަމަކޮށް ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިވާނެ ގޮތަށް ކަމަށާއި، އަދި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ އެޕްލިކޭޝަނަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި މައްސަލަ ހުށައެޅުމާއި، ތަހުޤީޤު ކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުމާއި، ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ގޮތް ހަމަޖެހުން ހިމެނެއެވެ. އަދި މައްސަލަ ތަޙުގީގު ކުރާ އޮފިސަރުގެ މަޢުލޫމާތާއި، އެފަރާތާއި ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއްވެސް އެޕްލިކޭޝަންގެ ތެރެއިން ފަހިވާނެއެވެ.
ހަމައެއާއެކު ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތްވެސް މި އެޕްލިކޭޝަނާއެކު ވަނީ ތަޢާރަފުވެފައެވެ. އަދި ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
މީގެ އިތުރުން ޕޮލިސް ސެޓްފިކެޓް އަދި ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފަސޭހަކަމާއެކު މިސެޓްފިކެޓްތައް ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެ ގޮތް މި އެޕްލިކޭޝަންގައި ވަނީ ޤާއިމުކޮށްފައެވެ

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ މޯލްޑިވްސް 2.0ގެ ސިޔާސަތަކުގެ ދަށުން ފުލުހުންގެ ޚިދުމަތް ޑިޖިޓަލީ ޓްރާންސްފޯމް ކުރުމަށް އެޕްލިކޭޝަން މުހިންމު ދައުރެއް އަަދާކުރާނެ ކަމަށެް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.


