ގައިންގަޔަށް ނާރާ ބަލިތަކަށް ކޮލިޓީ ފަރުވާދެވޭކަން ކަށަވަރުކޮށްދޭނެ މިންގަނޑެއް އިފްތިތާހުކޮށްފި
9 ޑިސެމްބަރު 2025 - 05:44

ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރަންޖެހޭ 28 ވަނަ ޤައުމީ މިންގަނޑާއެކު އެފަދަ ބަލިތަކަށް ދެމެހެއްޓެނިވިކަމާއެކު ކޮލިޓީ ފަރުވާދެވޭކަން ކަށަވަރު ކުރެވޭނެކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރަންޖެހޭ ޤައުމީ މިންގަނޑު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި މިންގަނޑެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 70 އިންސައްތައަކީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމާގުޅޭ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 2021 ވަނަ އަހަރު ދުނިޔޭގައި މަރުވި 43 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 70 އަހަރު ނުވަނީސް މަރުވި މީހުން ކަމަށެވެ. އެހެންކަމުން މިފަދަ ބަލިތަކުން ދުރާލާ ރައްކާތެރިވެ، ކޮލިޓީ ޞިއްޙީ ފަރުވާ ދެވޭކަން ކަށަވަރު ކުރުމަށް ޤައުމީ މިންގަނޑެއް އޮތުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އަލަށް އެކުލަވާލި މިންގަނޑާއެކު ކެންސަރާއި، ކިޑްނީއަށް ޖެހޭ ނުރައްކާތެރި ބަލިތައްފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ދެމެހެއްޓެނިވި ކަމާއެކު ކޮލިޓީ ފަރުވާދެވޭކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ގައިން ގަޔަށް ނާރާ ބަލިތަކުގެ އިތުރުން އެކި ބާވަތްތަކުގެ ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އެކި މިންގަނޑުތައް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ޞިއްޙަތާބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމުގައި ޢަމަލުކުރަންޖެހޭ 28 ވަނަ ޤައުމީ މިންގަނޑާއެކު ކޮލިޓީ، ރައްކާތެރި ފަރުވާ ފޯރުކޮށްދެވޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރަން މަގުފަހިވާނެއެވެ. އަދި ފަރުވާދޭ މީހުންނަށްވެސް އަވަސް، ރަނގަޅު ނިންމުންތައް ނިންމަން މަގުފަހިވާނެކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމުގައި ޢަމަލުކުރަންޖެހޭ 28 ވަނަ ޤައުމީ މިންގަނޑު އެކުލަވާލާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި، ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއެންޓް އޭޝިޔާ އެންޑް ދި ޕެސިފިކްއާއި ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.


