ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
9 ޑިސެމްބަރު 2025 - 12:29

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާ އަދި 41 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފިއެވެ.
މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޝަކުވާ ހުށަހަޅާނީ 2025 ޑިސެންބަރު 15 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

Ad by Hajj Corporation
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ އެ ކޮމިޝަނުގެ އީ-މެއިލް info@elections.gov.mv އަށެވެ.
ޝަކުވާ ހުށަހަޅުއްވާއިރު ޝަކުވާ ހުށަހަޅުއްވާ ފަރާތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. މި ރިޕޯޓާއި ގުޅިގެން 1414 ކޯލް ސެންޓަރަށް ގުޅާލުމުން އިތުރު މަޢުލޫމާތު ލިބޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމައަށް ކޯލް ސެންޓަރުން ހިދުމަތް ލިބޭނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެއެވެ.


