މޮނިޓަރުންނާ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު މިއަދު ހަމަވަނީ
28 ފެބްރުއަރީ 2026 - 05:37

މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮބްޒަރވް ކުރުމާއި މޮނިޓަރަކަށްވުމަށް އެދި ހުށައެޅުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާނެއެވެ.
އެ ދެ އިންތިހާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އިބްޒަރވްކުރުމާއި މޮނިޓަރަކަށް ވުމުގެ ސުންގަޑި ހަމަވާނީ މިއަދު މެންދުރުފަހު 3:00 އަށެވެ.

Ad by Hajj Corporation
އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުން ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރެޖިސްޓްރީގައި ނަން އޮތް ފަރާތްތަކަކަށް ވެގެންނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ސިޔާސީ ޕާޓީތަކުން އޮބްޒަރވަރުންނަށް ޕާޓީތަކަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭއިރު، އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިގުރާރުވާންޖެހެނީ އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، އެ ފަރާތްތަކުގެ މައުލޫމާތާއި މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ.
އީސީން ބުނީ މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ކަމަށެވެ. އަދި ޕާޓީތަކުންނާއި ޖަމިއްޔާތަކުން އޮބްޒަރވަރުންގެ ގޮތުގައި ހުށައަޅާ އަދަދު، ފޮށީގެ އަދަދަށްވުރެ 10 އިންސައްތް އިތުރުވެގެން ނުވާނެ ކަމަށް ވެސް ބުނެއެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެއެވެ.


