ޑިޕްރޭޝަނަށް ފަރުވާހޯދުމަށް ބާސެލޯނާގެ ޑިފެންޑަރު އިސްރާއީލަށް ދަތުރުކޮށްފި
9 ޑިސެމްބަރު 2025 - 19:08

ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ކްލަބުން ދިން ހުއްދައާއެކު ޑިޕްރެޝަނަށް ފަރުވާހޯދުމަށް އިސްރާއީލަށް ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ދަތުރުގެ މަޤްސަދަކީ މިވަގުތު އޭނާގެ ކެރިއަރުގައި ކުރިމަތިލާން ޖެހިފައިވާ އަމިއްލަ މައްސަލަތަކަށް ޙައްލެއް ހޯދައި، އިޙްސާސީ ހަމަޖެހުމެއް ހޯދުމެވެ.
އިސްރާއީލަށް ދަތުރުކުރަން އަރައުޖޯ ނިންމީ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން އޭނާގެ މެންޓަލީ ހާލަތު ގޯސްވުމުންނެވެ. އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަތުރުގެ މަޤްސަދަކީ “އޭނާގެ ދީނީ އަޤީދާއާ އިތުރުކޮށް، އަލުން އެނބުރި އައުމަށް ބޭނުންވާ އިޙްސާސީ ހަމަޖެހުން ހޯދުން” ކަމަށެވެ.

Ad by Hajj Corporation
އެހެންކަމުން މިކަމަށް ފަރުވާހޯދުމަށް އަރައުހޯ މިހާރު ހުރީ އިސްރާޢީލުގައެވެ. އޭނާ މި ދަތުރުގައި ހޯދަން ބޭނުންވަނީ މި ދަތި ދަނޑިވަޅުގައި އޭނާއަށް ބޭނުންވާ “ރޫޙާނީ އިރުޝާދު” އެވެ. ޑިއާރިއޯ ސްޕޯޓް އިން ބުނި ގޮތުގައި އަރައުޖޯގެ މި ދަތުރަކީ “ވަކިވެގަތުމާއި، ތަންތަން ބެލުމާއި، ހަމަޖެހުމުގެ ޖާގައެއް ހޯދުމަށް” ހާއްސަކޮށްފައިވާ ކުރު ދަތުރެކެވެ.
ބާސެލޯނާ ކްލަބުން ވަނީ އަރައުހޯގެ މި ނިންމުމަށް ފުރިހަމައަށް ތާއީދުކޮށްފައެވެ. ކްލަބުގެ އުންމީދަކީ މި ދަތުރުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އެހީތެރިކަމެއް ލިބި، އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް މަގުފަހިވުމެވެ.
ކްލަބުގެ ސްޕޯޓިންގ ޑިރެކްޓަރު ޑެކޯ ވަނީ އަރައުޖޯއަށް ދީފައިވާ ޗުއްޓީއަކީ އެއްވެސް މުއްދަތެއް ކަނޑައަޅާފައި ނުވާ ޗުއްޓީއެއް ކަމަށާއި، އޭނާ އަލުން ކުޅުމަށް ނުކުންނާނެ ވަކި ތާރީޚެއް ކްލަބުން ކަނޑައަޅާފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.


