ލެވަންޓޭ ބަލިކޮށް ބާސެލޯނާ އެނބުރި އަސްލު މަޤާމަށް، ރެއާލް އަށް އަށް އެއްވަނައިގައި އޮވެވުނީ ދެތިން ދުވަހު
23 ފެބްރުއަރީ 2026 - 04:15

ލަލީގާގައި އާދީއްތަ ދުވަހު ކޭމްޕް ނޯގައި ކުޅުނު މެޗުގައި ލެވަންޓޭގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބީ ހޯދައި، ބާސެލޯނާއިން އަލުން ތާވަލުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ. ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާއަށް މި ފުރުސަތު ލިބުނީ ކުރިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް، އޮސަސޫނާ އަތުން ބަލިވުމާ ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެރިކް ގާސިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކް ބާނަލް ވަނީ ލަނޑެއް ޖަހައި ޓީމަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން ޔާއޯ ކަންސެލޯ ނަގައިދިން ހިތްގައިމު ހުރަހަކުން ފްރެންކީ ޑި ޔޮން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ޖެނުއަރީ 2025 ގެ ފަހުން ލަލީގާގައި ޑި ޔޮން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation
މެޗުގެ ފަހު ހާފުގައި ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހައިދިނީ ފާމިން ލޮޕޭޒްއެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލަމީން ޔަމާލް ދިން ބޯޅައަކުން ލޮޕޭޒް މި ލަނޑު ކާމިޔާބުކުރީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގައި ބާސެލޯނާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ލެވަންޓޭގެ ކީޕަރު މެތިއު ރަޔަން ވަނީ ރަފީނިއާ އާއި ލެވަންޑޯސްކީގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މި މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބާސެލޯނާއިން ވަނީ މުޅި މެޗު ޑޮމިނޭޓްކޮށްފައެވެ. އެޓީމުން 22 ހަމަލާ އުފެއްދިއިރު ލެވަންޓޭއަށް އުފެއްދިފައިވަނީ އެންމެ 5 ހަމަލާއެވެ. އަދި ބާސެލޯނާއިން ވަނީ ލެވަންޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު 17 މެޗުވެސް ކާމިޔާބުކޮށް، ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.
މީގެ އިތުރުން، ލަލީގާގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު 34 މެޗުގައިވެސް ބާސެލޯނާއިން ވަނީ ލަނޑު ޖަހާފައެވެ. މިއީ ލަލީގާގެ ތާރީޚުގައިވެސް ވަކި ޓީމަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖެހުމުގެ ރެކޯޑެކެވެ. މި ކާމިޔާބީއާއެކު ބާސެލޯނާ މިވަނީ ކުރިން ކުރިމަތިވި ބައެއް ނާކާމިޔާބީތަކުން އަރައިގަނެ، އަލުން ފޯމަކަށް އެޅިފައެވެ.
މިމޮޅާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލްއަށްވުރެ އެއްޕޮއިންޓް ކުރީގައެވެ.


