ބާސެލޯނާއިން ރެފްރީންނަށް ފައިސާ ނުދޭނެކަމަށް މެޑްރިޑް ސަޕޯޓަރެއް ކަމުގައިވާ ލަލީގާގެ ރައީސް ބުނެފި
21 ފެބްރުއަރީ 2026 - 11:09

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ، ބާސެލޯނާއިން ރެފްރީންނަށް ރިޝްވަތު ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، އެ ކްލަބުން ރެފްރީންނަށް ފައިސާ ނުދޭކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. މި މައްސަލައަކީ މީގެ ތިން އަހަރު ކުރިން ފެންމަތިވި 'ނެގްރެއިރާ ކޭސް' އާ ގުޅިގެން ދެކެވޭ ވާހަކަތަކެކެވެ.
ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ މައްސަލައެއް

Ad by Hajj Corporation
ސްޕޯޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ، މި މައްސަލަ އެންމެ ފުރަތަމަ ޕްރޮސެކިއުޓަރުގެ އޮފީހަށް ހުށަހެޅީ ލަލީގާއިން ކަމަށާއި، އެއީ ރެއާލް މެޑްރިޑުން ކުރި ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ލަލީގާއިން އަބަދުވެސް އަމަލުކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޓެބާސް އިތުރަށް ވިދާޅުވީ، ކުޅިވަރުގެ ގާނޫނުތައް އޮންނަ ގޮތުން ތިން އަހަރު ފަހުން މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ހުރަސްތަކެއް ހުރި ނަމަވެސް، މިފަދަ ކުށްތަކަށް ދެވޭ މުއްދަތު އިތުރުކުރަން އޭނާ ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، ބާސެލޯނާއިން ރެފްރީން ގަނެފައިވާ ކަމަށް ބުނާ ވާހަކަތަކާ އޭނާ ދެކޮޅު ހެއްދެވިއެވެ.
ރެއާލް މެޑްރިޑްގެ ތުހުމަތުތަކަށް ރައްދު
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ބައެއް މެޗުތަކުގައި ވިނީޝިއަސްއަށް ޕެނަލްޓީ ނުލިބެނީ ނެގްރެއިރާގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައިވާތީ، ޓެބާސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ރެފްރީން ގަނެފައިވާ ކަމަށް ބުނުމާއި، ޕަމްޕްލޯނާގައި ވިނީޝިއަސްއަށް ޕެނަލްޓީއެއް ނުލިބުނީ ނެގްރެއިރާގެ ކުށުން ކަމަށް ބުނާ ބުނުމާ އަހަރެން ދެކޮޅު،" ޓެބާސް ވިދާޅުވިއެވެ.
މި މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވިގެންވޭތޯ ނުވަތަ ނޫންތޯ ނިންމާނީ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށާއި، މިހާރު ކުރިއަށްދާ ޝަރީއަތުން އެކަން ސާފުވާނެ ކަމަށް ޓެބާސް ވިދާޅުވިއެވެ. ބާސެލޯނާއިން ކުރީގެ ސީޓީއޭގެ ވައިސް ޕްރެޒިޑެންޓް ހޯސޭ މާރިއާ އެންރީކޭޒް ނެގްރެއިރާއަށް ފައިސާ ދެއްކި މައްސަލައިގައި އެ ކްލަބުން ބުނަމުންދަނީ އެއީ އެއްވެސް ކުށެއް ނެތް، ސާފު މުއާމަލާތްތަކެއް ކަމަށެވެ.


