ޖުވާ ޖިނާއީ ކުށަކަށް ހަދަން ކެރުނު ރައީސް، ބިލު ހުށަހަޅައިފި
10 ޑިސެމްބަރު 2025 - 09:36

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވިގޮތުގައި މި އިސްލާޙް ހުށަހަޅާފައި ވަނީ ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށެވެ. އަދި އެ އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation
ޖުވާ އަކީ ރާއްޖޭގައި ބާރަށް ފެތުރެމުން އަންނަ ނުރައްކާތެރި، އިސްލާމް ދީނުގައި ވެސް މަނާކުރަށްވާފައިވާ ޢަމަލެކެވެ. ރާއްޖޭގައި އެންމެ އާންމުވެފައި ވަނީ އޮންލައިން ޖުވާއެވެ.
ޖުވާ ކުޅެވޭގޮތަށް ބައެއް ކެފޭ/ރެސްޓޯރެންޓް ވެސް ހުންނަކަމަށް އަޑު އަރާފައި ވެއެވެ. އަދި އަދުގެ ޒުވާން ޖީލު ދަނީ މި ވަބާގެ ތެރެއަށް ގެނބެމުންނެވެ.
އެހެންކަމުން މި ކަން ޤާނޫނުން ޖިނާއީ ކުށަކަށް ހެދުމަކީ އަދުގެ ޖީލުގެ ސަލާމަތާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހަގީގީ މާނާގައި ވެސް ނެގެހެއްޓުމަށް ވަރަށް މުހިންމުކަމެކެވެ.
ޖުވާ ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. މިއީ މުޖުތަމަޢާއި، އާއިލާއަށް އަދި ފަރުދަށްވެސް ވަރަށް ގިނަ ނުރައްކާތަކާއި ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ.
ޖުވާ ކުރުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވެ، ދަރަނިވެރިވެ، ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެއެވެ. އާއިލާގެ މާލީ ހާލަތު ދަށްވެ، ދަރިންގެ ތައުލީމާއި އެހެނިހެން އަސާސީ ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
މީގެ އިތުރުން ޖުވާގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ބަލިތައް ޖެހި، އަދި ކަންބޮޑުވުން އިތުރުވެ، ނިދި ނައިސް ދިރިއުޅުމުގެ ހިތްހަމަޖެހުން ގެއްލެއެވެ. ޖުވާއަށް ދެވިހިފާފައިވާ މީހުންނަށް އެކަމުން ދުރުވުން ވަރަށް އުނދަގޫވެ، އާދައަކަށް ވެގެންދެއެވެ.
ޖުވާގެ ސަބަބުން އާއިލީ ގުޅުންތަކާއި ރައްޓެހިންނާ އޮންނަ ގުޅުންތައް ގޯސްވެ، އިތުބާރު ގެއްލެއެވެ. ޖުވާގެ ސަބަބުން އާއިލާގެ މެދުގައި މައްސަލަތައް ގިނަވެ، ވަރިއާ ހަމައަށް ދިއުމަކީ އާންމު ކަމެކެވެ. ދަރަނިތައް އަދާ ކުރުމަށްޓަކައި ވަގަށް ނެގުން، މަކަރާއި ހީލަތް ހެދުން ފަދަ ޖިނާއީ ކުށްތަކަށް އަރައިގަތުން ގާތެވެ.
ދީނީ ގޮތުން ބަލާއިރު، ޖުވާ ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. އަދި މިކަމުގެ ސަބަބުން އަމާނާތްތެރިކަމާއި ތެދުވެރިކަން ގެއްލި، ނުބައި އާދަތަކަށް އަހުލުވެރިވެއެވެ.
މިހުރިހާ ސަބަބުތަކަށް ބަލާއިރު، ޖުވާ ކުރުމަކީ ފަރުދީ، އާއިލީ އަދި މުޖުތަމަޢީ ގޮތުން ވެސް ނުރައްކާތެރި، ދުރުހެލިވާން ޖެހޭ ކަމެކެވެ. ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތުގައި ވެސް ޖުވާ ކުރުން ވަނީ މަނާކުރެވިފައެވެ.


