ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި
10 މާރިޗު 2026 - 06:03

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިފާޢީ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ މީހުންނަށް ހާއްސަކޮށްފައިވާއިރު، އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައިވާނަމައެވެ.
3 މަސް ދުވަހަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފްތާގައިކަމަށް ދިފާޢީ ވުޒާރާއިން ބުނެއެވެ.. އެހެން ތަމްރީން ޕްރޮގްރާމްތަކެކޭ އެއްފަދައިން މި ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ. މާފިލާފުށީގައި ކަމަށާއި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް applyfor.mns@defence.gov.mv އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެ ފުރުޞަތު ހުޅުވާލާފައިވަނީ އޭޕްރީލް 5 ވަނަ ދުވަހާހަމައަށެވެ.

Ad by Hajj Corporation
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މިޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭއުރު، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ވެސް ދަނީ ފަހިކޮށްދެމުންނެވެ.
ދަސްވެނިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ނުހޮވޭ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން އެކުދިންނަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. އެގޮތުން، 171 ކުދިން އެމްއެންޑީއެފަށް، އަދި 7 ކުދިން އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަނުންނަށް ވަނީ ހަމަޖައްސާފައެވެ. އަދި 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަޒީފާދީފައިވާއިރު 23 ކުދިންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި 5 ކުދިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ.
މީގެ އިތުރުން 3 ކުއްޖަކަށް އެމްއޭސީއެލްއިންވެސް ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަން ބޭނުންވި 38 ކުދިންނަށް ސަރުކާރުން ވަނީ އެ ފުރުޞަތު ދީފައެވެ. މީގެ އިތުރުން 2 ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން އަންނަނީ ތަމްރީން ފުރިހަމަކުރަމުންނެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި އަދި 64 އަންހެން ދަރިވަރުންނެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި އިތުރު 1,000 ޒުވާނުންނަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ހޯދާދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތަށް ޤާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިމަހު ވަނީ ބިލެއްވެސް ހުށަހަޅުއްވާފައެވެ. މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް، މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.


