ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީ
11 ޑިސެމްބަރު 2025 - 06:40

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވަޒީފާ ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޖުތިމާޢީ މަދަދުވެރިކަމުގެ ޕްރޮގުރާމްގެ ތެރެއިން ފޯރުކޮށްދޭ ޚާއްސަ އެހީތެރިކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ މީހުންނަށް ވަޒީފާދިނުމުން އެ މީހުންނަށް ލިބޭ ބައެއް ފައިދާތައް އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. އަދި އެ ފައިދާތައް ލިބެނީ ހަމައެކަނި ވަޒީފާ ލިބޭ ފަރާތަށް އެކަނި ނޫން ކަމަށާއި، އޭގެ ފައިދާ، މުޅި ގައުމަށާއި ޢާއިލާތަކަށް ވެސް ކުރާނެކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.
އެ މީހުންނަށް ވަޒީފާ ލިބުމުން ފައިދާ ކުރާނީކީ އެ މީހަކަށް އެކަންޏެއް ނޫން. ޤައުމަށްވެސް އަދި ޢާއިލާތަކަށްވެސް ފައިދާކުރޭ. އަދި އިޖުތިމާޢީ ގޮތުންނާއި ކުލުނާއި އިޙްސާންތެރިކަމުގެ ގޮތުން އުފާވެރިކަމުގެ ގޮތުން އަދި މާލީ ފުދުންތެރިކަމުގެ ގޮތުން ފައިދާކުރާނެ - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު
މީގެއިތުރުން، ވަޒީފާ ލިބުމުގެ ސަބަބުން އެފަދަ ފަރާތްތައް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ އައު ރައްޓެހިން ލިބި، މާލީ ގޮތުން ފުދުންތެރިވެ، ގަޑިން ގަޑިއަށް ކަންކަން ނިންމަން ޖެހުމަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކުރިން ޢާއިލާއިން ކޮށްދިން އެތައް ކަމެއް މިހާރު އަމިއްލައަށް ކުރުމުގެ މަގުފަހިވާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ އެންމެންވެސް ޝާމިލުވާ އުފާވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރައްވަން ފަށްޓަވާފައިވާ މުހިންމު ކަމެކެވެ.

ސްޓެލްކޯއިން އެފަދަ 30 ފަރާތަކަށް މި ރަސްމިއްޔާތުގެ ތެރެއިން ވަޒީފާ ދީފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް މި ސަރުކާރުން ވަޒީފާ ހަމަޖައްސާދީފައިވާކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ. ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ވަޒީރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.


