ކުންފުނިތަކުގެ އިންސާނީ ވަސީލަތް ކުރިއަރުވަން ސްޓެލްކޯއިން ފޯރަމެއް ބާއްވައިފި
18 އޯގަސްޓު 2026 - 17:29

ސްޓެލްކޯއިން އިސްނަގައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަގުސަދުގައި "އެޗް.އާރް އިންސައިޓް"ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ފޯރަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. މި ފޯރަމްގައި ސަރުކާރު ހިއްސަވާ 13 ކުންފުންޏަކުން ޖުމްލަ 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation
މި ފޯރަމް އިފްތިތާހު ކޮށްދެއްވުމަށްފަހު ނިޒާރު ދެއްކެވި ވާހަކަފުޅުގައި ވަނީ މި ފޯރަމުން ފާހަގަވެގެންދާ މުހިންމު އެއް ކަމަކީ، އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ހިއްސާކުރެވިގެންދިއުން ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީގެ ރައީސެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވާ މަންޒަރަކީ އެއީ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމާއި، ކުރިއެރުމާއި، އަދި ނަތީޖާ ނެރުމުގެ ހަގީގަތަށް ބަލާއިރު، ކުންފުންޏެއްގެ އެންމެ އަގުހުރި ރައުސްމާލަކީ އެ ތަނެއްގެ ބެލެންސް ޝީޓުން ސީދާ ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ އެ ތަނެއްގެ މައިދޮރުން ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށެވެ. ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރުވެރިކަމުން ކަމަށް އަޒުވަރު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ދެކޭގޮތުގައި، އެޗް.އާރް ގެ ނަޒަރިއްޔާތުން ބަލާއިރު މި ވޯކްޝޮޕްގެ ތެރެއިން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލެވިދާނެ. ފުރަތަމަ ކަމަކީ، މުވައްޒަފުންނާ މެދު އަޅުގަނޑުމެން ދެކޭގޮތް. އެގޮތުން، ހަމައެކަނި އެ ބޭފުޅުންގެ ވަޒީފާގެ މަޤާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، މުވައްޒަފުންގެ ބޭނުންތަ އް ފުރިހަމައަށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް. މުވައްޒަފުން ހޯދުމާއި ވަޒީފާގައި ދެމެހެއްޓުމަށް (ރިޓެންޝަން) ކުރެވޭ މަސައްކަތްތަކުގައި، މުވައްޒަފުންގެ އިޙްސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ އެޗް.އާރް ދާއިރާއިން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް. އެހެންކަމުން، މިކަމާ ގުޅޭގޮތުން ކުންފުނިތަކުގެ ތަޖުރިބާތައް ޙިއްޞާކުރުމަކީ އެންމެހައި މުއައްސަސާތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް. ދެވަނަ ކަމަކީ، މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުން. އަޅުގަނޑުމެން މުވައްޒަފުން ބިނާކުރަންވާނީ ހަމައެކަނި މިއަދުގެ ބޭނުންތަކަށް ނުވަތަ މިހާރު ހުރި ހުނަރުތަކަށް އެކަންޏެއް ނޫން. އޭގެ ބަދަލުގައި، ބަދަލުވަމުން އަންނަ މާޙައުލާ އެއްގޮތަށް މުސްތަޤްބަލުގައި ބޭނުންވާނެ ހުނަރުތަކާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް. މިގޮތުން މުވައްޒަފުން ކުރިއެރުވުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދީ، އެދެވޭ ނަތީޖާއެއް ޙާޞިލުކުރުމަށް އެހީތެރިވެދޭން ޖެހޭ" : އަލީ އަޒުވަރު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމާއި، ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެކަށައަޅުއްވާ ސިޔާސަތުތަކާއި ނިންމަވާ ހަރުދަނާ އަދި އުނދަގޫ ނިންމެވުންތަކަށްޓަކައި އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޑރ. އަޒުވަރު ވަނީ ޝުކުރު ދަންނަވާފައެވެ.

-01.jpg&w=3840&q=75)
