ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ޕޮލިޓެކްނިކްއިން ކޯސްތަކެއް ފަށައިފި
10 އޯގަސްޓު 2026 - 13:47

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން އެ ކުންފުނީގެ މުވައްޒަފުން ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ލެވެލް 3 ގެ 4 ކޯހެއް ފަށައިފިއެވެ.
ސްޓެލްކޯގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސެޓްފިކެޓް ލެވެލް ޙާޞިލްކުރުމަށް ހުޅުވާލި ފުރުޞަތުގައި ވަނީ، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުންނާއި، އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ 76 މުވައްޒަފުން ކޯސްތަކަށް ކުރިމަތިލައި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯގަސްޓް 2026 އިންޓޭކްގައި ބައިވެރިވެފައެވެ.

Ad by Hajj Corporation
މިއަދު ފެށި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް 3ގެ އިލެކްޓްރީޝަން ކޯހާއި، އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން ކޯހާއި، ވެލްޑިންގ އެންޑް މެޓީރިއަލް ފެބްރިކޭޝަން ކޯސް އަދި އޮޓޯމޯޓިވް މެއިންޓަނެންސް ކޯސްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، އިންވެސްޓް ކުރަނީ ސެޓްފިކެޓަކަށް ނޫންކަމަށާއި، އިންވެސްޓްކުރަނީ މުވައްޒަފުންގެ ވަގުތަށްށާއި، ހުނަރަުގެ އިތުރުން،އެބޭފުޅުންގެ ކެޕޭސިޓީ ބިލްޑްކުރަންކަމަށެވެ.އެހެންނަމަވެސް އުއްމީދަކީ މި ޓްރެއިނިންގްތަކުގައި މުވައްޒަފުން ޝައުޤުވެރިކަމާ އެއްކޮށް، ސެޝަންތަކުގައި ބައިވެރިވެ،އަދި ސުވާލުތައްކޮށް، އަދި ކަންތައްތައް ދަސްކުރުމުގަ ޝައުޤުވެރިކަމާއެއްކޮށް މިކަމުގަ ޙަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން އެ ލިބިގެންދާ ކުރިއެރުމަކީ ކުންފުންޏަށް ލިބިގެންދާ ކުރިއެރުން. ކުންފުންޏަށް ލިބިގެންދާ ކުރިއެރުމަކީ ކުންފުނީގެ ޚިދުމަތް ހޯދާ އާންމުންނަށް ލިބިގެންދާ ކުރިއެރުން. މި ކުރިއެރުމަކީ މުޅި ރާއްޖެއަށް ލިބިގެންދާ ކުރިއެރުން. އެހެންވީމަ މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކުރެވޭ އިންވެސްޓްގެ އެއްބައި މިއަދު މުވައްޒަފުންގެ ޓްރެއިންނަށްއަށް ކުރެވޭ އިންވެސްޓްގެ ތެރެއިން މި ދަނީ" ސްޓެލްކޯ އެމްޑީ

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީއް ވަނީ، ސްޓެލްކޯއިން މިފަދަ މުހިއްމު ކަމެއް ކުރެއްވުމުގެ އިސްނަގައިގެން، މޯލްޑިވްސް ޕޮލިޓެކްނިކާ އެކުގަ މިކަހަލަ މަސައްކަތެއް ފައްޓަވަން ނިންމުމުން ޝުކުރު އަދާކުރައްވާފައެވެ.
"އަޅުގަނޑު ޕޮލިޓެކްނިކާ ޙަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑަށް ފާހަގަކޮށްލެވުނު ކަމަކީ، އިންޑަސްޓްރީއާ އަޅުގަނޑުމެންނާ ދޭތެރޭގަ މި އޮންނަ ގެޕް. އެހެންވީމަ އެ އަޅުގަނޑުމެންނަށް އެބަޖެހޭ ކޮންމެސް ހިސާބަކުން ނައްތާލެވޭނެ ކަހަލަ ގޮތެއް ހަދަން. އޭރުން އަޅުގަނޑުމެންނަށް ޤައުމަށް މި ބޭނުންވާ ސްކިލްޑް މީހުން ތަމްރީނުކުރެވޭނީ. ސްޓެލްކޯއިން މިއަދު ތި އިސްނެންގެވި އިސްނެންގެވުމަކީ އަޅުގަނޑުމެން ޕޮލިޓެކްނިކްގެ މެނޭޖްމަންޓްގެ ފަރާތުންވެސް، ހުރިހާ ސްޓާފުންގެ ފަރާތުންވެސް ވަރަށް ހަމަ އުފާވެރި، އަޅުގަނޑުމެން ހަމަ ސެލެބްރޭޓް ކުރަން ޖެހޭވަރުގެ ކަމެކޭ އަޅުގަނޑު ދަންނަވާނީ" ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން

މި ކޯސްތަކަކީ، ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ހުނަރާއި ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ގައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައިދިނުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުން ސިފަ ކުރެއެވެ.


