ޤަވާއިދާ ހިލާފަށް ބިދޭސީން ގެންނަ ނެޓްވޯކު ހިންގި ބިދޭސީ މީހާއަށް ދެ އަހަރުގެ ޖަލު ހުކުމެއް
13 ޑިސެމްބަރު 2025 - 08:09

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް، އޭނާ ރާއްޖޭގައި ދިޔައީ ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުންނެވެ.

Ad by Hajj Corporation
މި މައްސަލާގައި ޝަހާދަތުގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރި އެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އަދި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ އެވެ.
ޝަހާދަތުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން އޭނާ ވަނީ ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓްކޮށް، ވޯކް ވިސާ ހަމަޖައްސަން ބޭނުންވާ ސިސްޓަމް ގަވާއިދާ ހިލާފަށް ބޭނުންކޮށްފަ އެވެ. އަދި ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ މަންދޫބެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ދައުވާގައި ބުންޏެވެ.
މީގެ އިތުރުން އޭނާ ވަނީ ބިދޭސީންނަށް މަސައްކަތް ކުރުމުގެ ކޯޓާ ހަމަޖައްސައިދީ، އެކަމުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފަ އެވެ.އަދި އޭނާ ވަނީ އެ ފައިސާތައް ޝަހާދަތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ޖަމާކޮށްފަ އެވެ. އެގޮތުން ޖުމްލަ 8 މިލއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލައިގައި ޝަހާދަތު ވަނީ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ހަދަން ބޭނުންވާކަމަށް ބުނުމާއެކު، އަދަބުތައް ލުއިވާގޮތަށް ދައުލަތުން ހެދި އެއްބަސްވުން ޝަރީޢަތުން ބަލައިގަނެ، އެގޮތަށް އަދަބު ކަނޑައަޅަން ނިންމިއެވެ.
އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ތިން ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން ވަނީ އެއްބަސްވެފައެވެ. އެހެންކަމުން، އޭނާގެ މައްޗަށް މިހާރު އޮތީ މަނީ ލޯންޑްރިންގ އާއި ރިޝްވަތު ދިނުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމާއެކު، ޝަހާދަތު ވަނީ ޖަލު ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައެވެ.


