މެސީ ބަލަންގޮސްތިބި އިންޑިޔާ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގަނެފެށުމުން މެސީ ފިލައިފި
13 ޑިސެމްބަރު 2025 - 10:22

ފުޓްބޯޅައިގެ ތަރި ލިއޮނަލް މެސީގެ ވަރަށް ބޮޑަށް އިޝްތިހާރުކުރި “ގޯޓް ޓޫރު” ގެ އިންޑިއާގެ ކޮލްކަތާ ސްޓޮޕް، ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެ މެސީ އެއިވެންޓް ކުރުކޮށްލައި ދަނޑުން ނިކުމެއްޖެއެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީގެ އިންތިޒާރުގައި ބޮޑު ޚަރަދުތައް ކޮށްގެން އެތަކެއް ގަޑިއިރުގެ އިންތިޒާރަށްފަހު މެސީ ފެނުނީ އެންމެ ފަސް މިނެޓަށެވެ. އަދި ގިނަ މީހުންނަާް މެސީ ނުފެނެއެވެ. މިއާއެކު ދަނޑަށްވަދެ ތިބި ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުނު ސަޕޯޓަރުން ވަނީ ގޮނޑިތަކާއި ފުޅިތައް އުކާ ދަނޑުމައްޗަށް އަރާފައެވެ.
އިންޓަރ މިއާމީގެ މި ތަރި، ލުއިސް ސުއަރޭޒް އަދި ރޮޑްރިގޯ ޑީ ޕޯލްއާ އެކު، ކުރު ލެޕް އޮފް އޮނަރެއް ނަގައި، ސަޕޯޓަރުންނަށް އަތް ހޫރާލުމަށް ފަހު، ހަމަނުޖެހުން ބޮޑުވަމުން ދިޔުމުގެ ތެރޭގައި އަވަހަށް އެ ސަރަހައްދުން ދިޔައެވެ. މެސީ ދިޔަތާ މިނިޓްތަކެއްގެ ތެރޭގައި، ހާސްކަމުގައި ތިބި އެތައް ހާސް ސަޕޯޓަރުން ވަނީ ދަނޑަށް ވަނުމަށް މަސައްކަތްކޮށް، ސެކިއުރިޓީއާ ފަޅާލައި، ސްޓޭޑިއަމްގެ ތަކެއްޗަށް ގެއްލުން ދީފައެވެ.

Ad by Hajj Corporation
ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އިވެންޓް އިންތިޒާމުކުރި ފަރާތްތަކުން ވަނީ ބޮޑެތި އިހުމާލުތަކެއް ވެފައެވެ. އެމީހުން ބުނާ ގޮތުގައި ވީ.އައި.ޕީ އަދި ސިޔާސީ ބޭފުޅުންނަށް އިސްކަން ދިނުމުގެ ސަބަބުން، ފައިސާ ދައްކައިގެން ޓިކެޓް ގަތް ސަޕޯޓަރުންނަށް މެސީ ރަނގަޅަށް ފެނުމުގެ ފުރުސަތު ގެއްލުނެވެ. އެއް ސަޕޯޓަރަކު ބުނީ، “އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް މިއީ ހުވަފެނެއް. އަހަރެމެން ބޮޑެތި އަގުތަކެއް ދައްކައިގެން ޓިކެޓް ގަތީ، އެކަމަކު އެއްވެސް އެއްޗެއް ނުފެނުނު.” އަނެއް ސަޕޯޓަރަކު ލޯކަލް މީޑިއާއަށް ބުނީ، މީހުން އެ މީހުންގެ މުސާރައިގެ މަހެއްގެ ފައިސާ ހަރަދުކުރީ އެންމެ ކުރު ވަގުތުކޮޅަކަށް މެސީ ފެނުމަށް ފަހު ހަމަނުޖެހުންތައް ފެށުނުތަން ބަލަން ކަމަށެވެ.

އިތުރަށް ހާލަތު ގޯސްވުމުން، ފުލުހުން ވަނީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ވަދެ، މަސައްކަތް ކޮށްފައެވެ. ސްޓޭޑިއަމްގެ ބައެއް ސެކްޝަންތަކުން ވަނީ ބިންދާލާފައިވާ ގޮނޑިތަކާއި، ގެއްލުން ދީފައިވާ ބެނާތަކާއި، ކުނިބުނިތައް ފެނިފައެވެ. ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމަތާ ބެނާޖީ ފަހުން ވަނީ އާންމުންގެ ކިބައިން މާފަށް އެދި، މި މަންޒަރުތައް “ހުތުރު” ކަމަށް ސިފަކޮށް، މި ހާދިސާގެ ރަސްމީ ތަހުގީގެއް ހިންގާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން، މެސީގެ މި ދަތުރުގެ ކުރިން ހިނގި ބައެއް ކަންކަން ފަރުދާގެ ފުރަގަހުގައި ފޮރުވިފައެވެ. މީގެ ތެރޭގައި މެސީގެ 70 ފޫޓުގެ ބުދެއް ވޯލްޑް ކަޕް ތަށި ހިފައިގެން ހުރި މަންޒަރު ވާޗުއަލްކޮށް ހުޅުވައިދިނުން ހިމެނެއެވެ. މެސީ މިހާރު ހުރީ އިންޑިއާއަށް ތިން ދުވަހުގެ ދަތުރެއްގައި ކަމަށާއި، މިއީ 2011 ވަނަ އަހަރަށް ފަހު އޭނާ އިންޑިއާއަށް ކުރާ ފުރަތަމަ ދަތުރު ކަމަށެވެ. އޭނާ އެނބުރި ދިއުމުގެ ކުރިން އިތުރު ބައެއް ތަންތަނަށް ދިއުމަށް ވަނީ ރާވާފައެވެ.


