މެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލް
15 މާރިޗު 2026 - 15:09

މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ، ސަރަހައްދީ ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން 2026 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފައިނަލިސިމާ މެޗު ކެންސަލްކޮށްފައިވާކަން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން އާދީއްތަ ދުވަހު އިއުލާންކޮށްފިއެވެ.
ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫރޯ 2024 ގެ ޗެމްޕިއަން ސްޕެއިން އާއި ކޮޕާ އެމެރިކާ 2024 ގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ މި މެޗު ކުރިން ތާވަލުކޮށްފައި އޮތީ މާޗް 27، 2026 ގައި ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ ގޮތަށެވެ. ނަމަވެސް، ގަތަރުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މިހާރު އޮތް ހާލަތުގެ ސަބަބުން ރޭވިފައިވާ ގޮތަށް މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް ޔޫއެފާ އިން ވަނީ ނިންމާފައެވެ.

Ad by Hajj Corporation
މި މެޗު އެހެން ތާރީޚެއްގައި ނުވަތަ އެހެން ދަނޑެއްގައި ބޭއްވުމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ކުރެވުނު މަޝްވަރާތައް ކާމިޔާބުވެފައިނުވާ ކަމަށްވެސް ޔޫއެފާ އިން ބުނެފައިވެއެވެ. ޔޫއެފާ އިން ހުށަހެޅި ގޮތްތަކުގެ ތެރޭގައި މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ނުވަތަ ޔޫރަޕްގެ އެހެން ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅުން ހިމެނެއެވެ. ނަމަވެސް އާޖެންޓީނާ އިން މި ހުށަހެޅުންތައް ގަބޫލުކޮށްފައި ނުވާތީ، 2026 ވަނަ އަހަރުގެ ފައިނަލިސިމާ މުޅިން ކެންސަލްކުރަން ވަނީ މަޖުބޫރުވެފައެވެ.
ފައިނަލިސިމާ އަކީ ޔޫއެފާ އާއި ކޮންމެބޯލް ގުޅިގެން ޔޫރަޕްގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ މެޗެކެވެ. މި މުބާރާތުގެ ފުރަތަމަ އެޑިޝަން 2022 ވަނަ އަހަރު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވިއިރު، އިޓަލީ 3-0 އިން ބަލިކޮށް ތަށި އުފުލާލީ އާޖެންޓީނާ އިންނެވެ.
މި މެޗު ކެންސަލްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކެވެ. މި ހަމަލާތަކުގައި އީރާނުގެ އޭރުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި އަސްކަރީ އިސްވެރިން ހިމެނޭހެން 1,200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މީގެ ރައްދުގައި ތެހެރާނުން ވަނީ އިސްރާއީލާއި، އިރާގާއި، އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް މީހުން މަރުވެ، އެއާޕޯޓްތަކާއި ބަނދަރުތައް ފަދަ އާންމު އިންފްރާސްޓްރަކްޗަރތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


