މެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފި
16 މާރިޗު 2026 - 04:56

އެފްސީ ބާސެލޯނާގެ ރިޔާސީ އިންތިޚާބުގެ ކުރީގެ ނަތީޖާތަކުން ދައްކާގޮތުގައި، ބޮޑު ތަފާތަކުން އެ ކްލަބުގެ ރައީސްކަން ޖޮއާން ލަޕޯޓާ ކާމިޔާބު ކުރައްވައިފިއެވެ. ޓީވީ3 އަދި ކަޓަލޫނިއާ ރޭޑިއޯގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި ލަޕޯޓާ ވަނީ ވޯޓުގެ 66.6 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި ވިކްޓަރ ފޮންޓަށް ލިބިވަޑައިގަތީ 30.9 އިންސައްތަ ވޯޓެވެ.
މިއީ ކްލަބުގެ ފަހުގެ ތާރީޚުގައި ބޭއްވުނު އެންމެ މުހިންމު އެއް އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ކްލަބުގެ އެތައް ހާސް މެންބަރުންނެއް (ސޯސިއޯސް) ވަނީ ސްޕޮޓިފައި ކޭމްޕް ނޯގެ އިތުރުން ގިރޯނާ، ޓަރަގޯނާ، ލެއިޑާ އަދި އެންޑޯރާގައި ގާއިމުކުރެވުނު ވޯޓުލާ މަރުކަޒުތަކަށް ޖަމާވެފައެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ދައުރަށް ރައީސަކު ހޮވުމަށް ބޭއްވި މި އިންތިޚާބުގައި މެންބަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވުނެވެ.

Ad by Hajj Corporation
ކުރިންވެސް ބާސެލޯނާގެ ރައީސްކަން ކުރައްވައި، އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދެއްވި ލަޕޯޓާ މިހާރު މިވަނީ އަނެއްކާވެސް ކްލަބުގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެފައެވެ. ކެމްޕޭނުގެ ދުވަސްވަރު އޭނާ ހުށަހެޅުއްވި ތަސައްވުރަށް ކްލަބުގެ މެންބަރުންގެ ބޮޑު ތާއީދެއް އޮތްކަން މި ނަތީޖާއިން ހާމަވެއެވެ.
ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، ރަސްމީ ނަތީޖާ އިޢުލާންކުރާނީ ހުރިހާ ވޯޓެއް ގުނާ ނިމުމުންނެވެ. ނަމަވެސް މިހާރު ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލަޕޯޓާ ވަނީ ފޮންޓުގެ މައްޗަށް ސާފު ކުރިހޯއްދަވާފައެވެ.
ލަޕޯޓާ ނިމިގެންދިޔަ ދައުރުގައި ރައީސްކަމަށް ކުރިމަތިލައި މެސީ ކުލަބުގައި ބަހަށްޓާނެކަމަށް ވަޢުދުވެ އޭރުވަނީ ރައީސްކަމަށް ހޮވިފައެވެ. ނަމަވެސް ރައީސްކަމަށް ހަވާލުވިތާ ދެއަހަރުނުވަނީސް މާލީ ދަތިތަކާހެދި މެސީ ވަނީ ބާސެލޯނާ ދޫކޮށްފައިދާންޖެހިފައެވެ. މިއާއެކު މެސީގެ ސަޕޯޓަރުން އޭރު ލަޕޯޓާއާއި ދެކޮޅަށް ގިނަ މުޒާހަރާތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން ބާސެލޯނާގެ އެންމެ ފަހުގެ ކޯޗު އަދި ލެޖެންޑް ވެސް ވަނީ މިދިޔަ ހަފްތާގައި މެސީ ބާސެލޯނާއަށް އެނބުރިއައުން ހުއްޓުވީ ލަޕޯޓާކަމަށް މީޑިއާގައި ބުނެފައެވެ. މީގެ އިތުރުން މިހާރުވެސް ދޭތެރެ ދޭތެރެއިން މެސީ ބާސާއަށް އެނބުރި އަންނަވާހަކަ މީޑިއާގައި ތިލަވެގެންދިޔަނަމަވެސް މެސީގެ ސަޕޯޓަރުން ޤަބޫލުކުރާގޮތުގައި ލަޕޯޓާ ބާސެލޯނާގެ ކޯޗުކަމުގައި ހުރިހާހިނދަކު މެސީ ބާސާއަށް އެނބުރިއައުމަކީ ނުވާނެކަމެކެވެ.


