މި ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހަން: ރައީސް
13 ޑިސެމްބަރު 2025 - 10:53

މި ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމަށް ކަމަށާއި، މި ސިނާއަތް ކުރިއަރުވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި އެކަންކަމަށް ބަލައިގެންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ރައީސް އިތުރަށް ވިދާޅުވީ، ބޭނުންވަނީ ޙަޤީޤީ މާނައިގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ގެނެސްދިނުމަށް ކަމަށާއި،ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުން، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެވޭނެކަމަށެވެ. އެގޮތުން މި ސިނާއަތް ކުރިއެރުވުމުގައި މަސްވެރިންގެ ޚިޔާލާއި ބައިވެރިވުން މުހިއްމު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ،ލަސްވެގެންދާ ކަންކަމަކީ ބޭރުގެ ލޯނުތަކާއި ގުޅިފައި ހުރި ކަންކަންކަމަށާއި، ނަމަވެސް މިހާރު ގިނަ ކަންކަމުގެ އަމަލީ މަސައްކަތައް ފެށުމާއި ހަމައަށް ގޮސްފައިވާކަމަށްށެވެ.
މީގެއިތުރުން ބައެއް ކަންކަމަކީ ސަރުކާރުން ބޮޑު ހަރަދުތަކެއް ކޮށްގެން ކުރިއަށްގެންދާ ކަންކަންކަމަށާއި، ދުވަސް ނަގަނީ މި ސަބަބަށްޓަކާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ އެއްގޮތަކަށްވެސް މި ސިނާއަތަށް ފަރުވާކުޑަކޮށްގެން ވާކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް އެއްވެސް ކަމެއް ނަމެއްގައި އިއުލާންކޮށްލާކަށް ނުވަތަ ފަށާކަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށާއި، ބޭނުންވަނީ ހަޤީގީ މާނައިގައި އެ އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި މި ސިނާއަތު ކުރިއެރުވުމަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


