ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ޑިޒައިންކުރަން އަމިއްލަ ކުންފުންޏަކަށް
15 ޑިސެމްބަރު 2025 - 06:34

ބ. ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މަންޒިލެއް ކަމުގައިވާ ބ. އަތޮޅު ދަރަވަންދޫގެ ޑޮމެސްޓިކް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިލޭންޑް އެވިއޭޝަނާއެވެ. ދަރަވަންދޫގެ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ޓާމިނަލްގެ ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާނުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

Ad by Hajj Corporation
މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ.
މި އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާނެއެވެ.
އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުމަށް ވަނި ހަމަޖެހިފައެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށް މަޝްރޫޢުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރެވެ.
ބ. ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މިމަސައްކަތް ކުރުމަށް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ ނިމިދިޔަ އޯގަސްޓް މަހު، ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު އޭރު ވިދާޅުވީ، ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓް ކަމަށެވެ. ނަމަވެސް، އެއަރޕޯޓްގެ ތަރައްޤީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާކަން ރައީސް އެ ދުވަހު ވާހަކަދައްކަވަމުން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުން އޭގެ ފައިދާ މުޅި އަތޮޅަށާއި، ދަރަވަންދޫއަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެއެވެ.
2012 ވަނަ އަހަރު ހުޅުވުނު ދަރަވަންދޫ އެއަރޕޯޓަކީ ބ. އަތޮޅުގެ ފަތުރުވެރިކަމަށް އައި ބޮޑު ކުރިއެރުމެކެވެ. އެއަރޕޯޓް ހުޅުވުމާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާވެ، މިހާރު 400 އެނދުގެ ޓޫރިސްޓް ހިދުމަތް ދެމުން ގެންދެއެވެ.
ދަރަވަންދޫ އެއާޕޯޓް އޮޕަރޭޓް ކުރަމުން އަންނަނީ ވެސް އައިލެންޑް އޭވިއޭޝަން ލިމިޓެޑުންނެވެ.


