ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީ
5 ނޮވެމްބަރު 2025 - 07:33

ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މަންޒިލެއް ކަމުގައިވާ ބ. އަތޮޅު ދަރަވަންދޫގެ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ޓާމިނަލްގެ ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލައިފިއެވެ.
ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިލޭންޑް އެވިއޭޝަނާއެވެ.

Ad by Hajj Corporation
ދަރަވަންދޫ އެއަރޕޯޓު ތަރައްޤީކުރުމާއ ގުޅޭގޮތުން އައިލޭންޑް އެވިއޭޝަނުން ކޮށްފައިވާ އިއުލާނުގައި، ޓާމިނަލުގެ ޑިޒައިން މަސައްކަތާއި އެކަމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށް މަޝްރޫޢުގައި ވަނީ ހިމަނާފައެވެ. މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރު ކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެއެވެ.
ބ. ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މިމަސައްކަތް ކުރުމަށް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ ނިމިދިޔަ އޯގަސްޓް މަހު، ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު އޭރު ވިދާޅުވީ، ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓް ކަމަށެވެ. ނަމަވެސް، އެއަރޕޯޓްގެ ތަރައްޤީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާކަން ރައީސް އެ ދުވަހު ވާހަކަދައްކަވަމުން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުން އޭގެ ފައިދާ މުޅި އަތޮޅަށާއި، ދަރަވަންދޫއަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެއެވެ.
2012 ވަނަ އަހަރު ހުޅުވުނު ދަރަވަންދޫ އެއަރޕޯޓަކީ ބ. އަތޮޅުގެ ފަތުރުވެރިކަމަށް އައި ބޮޑު ކުރިއެރުމެކެވެ. އެއަރޕޯޓް ހުޅުވުމާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާވެ، މިހާރު 400 އެނދުގެ ޓޫރިސްޓް ހިދުމަތް ދެމުން ގެންދެއެވެ.
ދަރަވަންދޫ އެއާޕޯޓް އޮޕަރޭޓް ކުރަމުން އަންނަނީ ވެސް އައިލެންޑް އޭވިއޭޝަން ލިމިޓެޑުންނެވެ.


