"އެތެރޭގެ އުދުހުންތަކުގެ އަގު ކަނޑައަޅަނީ ރައްޔިތުންނަށް ލުއިވާނެ ގޮތަށް"
24 ޖެނުއަރީ 2026 - 05:02

އެތެރޭގެ އުދުހުންތަކަށް ޓިކެޓުގެ އަގުތައް ކަނޑައަޅަނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުއި ލިބޭނެ ގޮތަށްކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ.
އިޔާސް މިފަދައިން ވިދާޅުވީ، ނ. ވެލިދޫގައި ސީޕްލޭން ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެތެރޭގެ އުދުހުންތަކަށް މޯލްޑިވިއަނުން ނަގަމުންދާ އަގުތަކަކީ އަތްނުފޯރާ ފަށުގެ އަގުތަކެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިކަމަށް އިޝާރާތްކުރައްވާ ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، މިވަގުތުގެ ހާލަތަށް ބަލާއިރު މޯލްޑިވިއަނުން ކަނޑައަޅާފައިވަނީ އަތްފޯރާ ފަށުގެ އަގުތަކެއް ކަމަށެވެ.
މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ފެށުނު ޚިދުމަތެކެވެ.
ރައީސްގެ ތަސައްވުރަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅާލާ، ރައްޔިތުންނަށް ހިތްފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވާއިރު، ސަރުކާރުގެ މި ތަސައްވުރު ހާސިލްކުރުމަށް މޯލްޑިވިއަނުން ކުރި މަސައްކަތުން ޝެޑިއުލް ދަތުރުތައް ފެށިގެންދިއުމަކީ ލިބޭ ބޮޑު ފަޚުރެއް ކަމަށް އިޔާސް ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން ވެލިދޫގެ އިތުރުން ފޮށްދޫ އާއި ކައިރި ރަށްރަށުގެ އިޤްތިޞާދަށާއި ލޯކަލް ޓޫރިޒަމަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށް އިޔާސް ވިދާޅުވިއެވެ.

Ad by Hajj Corporation
ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް އިތުރު ރަށްރަށަށް ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާކަމަށާއި އެގޮތުން އަންނަ މަހު ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.


