މަނާކުރިފަހުން 73،000 އަށްވުރެ ގިނަ ވޭޕްގެ ސާމާނު އަތުލައިގެންފި
18 ޑިސެމްބަރު 2025 - 10:05

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73،000އަށްވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓާފައިވާކަން ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 185 މައްސަލައެއްގައި 73،000 އަށްވުރެ ގިނަ ވޭޕްގެ ސާމާނާއި 24 މިލިއަން ރުފިޔާގެ ސިނގިރެޓް ހިފަހައްޓާފައިވާ ކަމަށެވެ.

Ad by Hajj Corporation
ފާއިތުވީ ދެއަހަރުތެރޭގައި ވައިގެ މަގާއި ކަނޑުމަގުން އެތެރެކުރާ މުދަލަށް އަމާޒުކޮށްގެން 40،000 އޮޕަރޭޝަން ހިންގާފައިވާއިރު 37 އުޅަނދު ވަނީ ބަލައި ފާސްކޮށްފައިކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 205 ކިލޯ މަސްތުވާތަކެތިވެސް ހިމެނެއެވެ. މިތަކެތީގެ މަގުމަތީ އަގު 277 މިލިއަން ރުފިޔާއަށް އަރާކަމަށް ދިޔާނާ ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.
މި ގާނޫނު ތަންފީޒުކުރުމުގެ ސަބަބުން ވޭޕް ބޭނުންކުރުން މަދުވެ އާންމު ސައްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.
ފުލުހުން ވަނީ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އާންމުން ފުރިހަމައަށް އަމަލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.


