2 އަހަރުގެ ތެރޭގައި 9000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
18 ޑިސެމްބަރު 2025 - 10:32

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން މި ދެ އަހަރުގެ ތެރޭގައި ރާއްޖެއިން ޑީޕޯޓްކޮށްލި ބިދޭސީންގެ އަދަދު 9000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒިރު ވިދާޅުވީ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާފައި ކަމަށާއި މި އަދަދާއެކު މިހާތަނަށް ރާއްޖެއިން 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
ސަރުކާރުން ވެރިކަމާ ހަވާލުވިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި ނޭނގޭހާ ގޯސްކޮށްކަން ފާހަގަކުރައްވާ ވަޒީރު ވަނީ 2023ވަނަ އަހަރުގެ މެއި މަހުގެ 2ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް ދެ ލައްކަ ދެހާސް ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.
އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށާއި މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 500އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2ވަނަ ދުވަހާ ހިސާބަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އަޅުގަނޑުމެން މި ހުޅުވާލަނީ ފިންގަރޕްރިންޓް ނެގިފަ ތިބި މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ތިބި މީހުން ޤަވާއިދުގެ ތެރެއަށް ގެނައުމުގެ ބޮޑު މަސައްކަތެއް. މިގޮތުން ކުރީގަ އެކިއެކި އެމްޕްލޮޔަރުންނާއި ޖެހިފަ ހުރި މައްސަލަތަކުގަ އެމްޕްލޮޔަރުންނާ ވަކިވެ މަގުމަތީގަ އެއްވެސް ރަސްމީ ވަކި އެމްޕްލޮޔަރަކަށް ނިސްބަތްނުވާ ގޮތަށް އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ސައްޚަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަސް ދުވަހުގެ ފުރުސަތެއް މިދެނީ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން
ވަޒީރު ވިދާޅުވީ މި ތިން މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީއަކަށް ނޫޅެވޭނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްޚަ މައުލޫމާތު އެނގި އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.


