އަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާން
27 ސެޕްޓެމްބަރު 2026 - 16:42

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ "ކުރަނގި" އޮޕަރޭޝަން އަންނަ އަހަރުގެ މެއި މަހު ނިންމާލާއިރު އަމާޒަކީ ބިދޭސީންގެ މުޅި މައްސަލަ ހައްލުކުރުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ "އަހާ" ފޯރަަމުގައި މިރޭ އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިއިރު ސީދާ އަދަދެއް މުޅިން ސާފުވެފައި ނެތް ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން އެ މަސައްކަތް ފެށީ 295،000 ބިދޭސީން ތިބޭނެ ކަމަށް ބަލައިގެން،" އިހްސާން ވިދާޅުވި އެވެ.
ކުރަނގި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 263،000 ބިދޭސީންގެ މައުލޫމާތު އެއްކުރެވި ޑޭޓާބޭސް އަޕްޑޭޓް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ބޮޑު ކާމިޔާބެއް ކަމަށް ސިފަކުރައްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ކަމަށް ބަލާފައިވާ ބިދޭސީންގެ 95 ޕަސަންޓް މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. ބާކީ އޮތް 5 ޕަސަންޓްގެ ތެރެއިން 4 ޕަސަންޓް ބިދޭސީން މިވަގުތު ރާއްޖޭގައިނެތް ކަމަށާއި އެހެންކަމުން މިވަގުތު މައުލޫމާތު އެއްކުރަންޖެހިފައިވަނީ އެންމެ ޕަސަންޓެއްގެ ބިދޭސީންގެ މައުލޫމާތު ކަމަށް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ސިންގަޕޫރުގައި އެ މަސައްކަތް ކުރާ ފެންވަރަށް ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިސަރުކާރަށް ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މެއި މަހު ކުރަނގި އޮޕަރޭޝަން ނިންމާލާއިރު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ބިދެސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތާ އެއްވަރަށް އެ މަސައްކަތް ރާއްޖޭގައިވެސް ކުރެވޭނެ ކަމަށެވެ.
"މެއި މަހު އެއްކޮށް މިމަސައްކަތް ނިންމާއިރު އަޅުގަނޑުމެންގެ އަމާޒަކީ 100 ޕަސަންޓް މިމައްސަލަ ހައްލުކުރުން،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރަނގި އޮޕަރޭޝަންގެ ދެވަނަ ބައިގައި ބަލާނީ ރާއްޖެއަށް ގާނޫނާ އެއްގޮތަށް އައިސް އެކަމަކު ވިސާ ހޯދާފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅޭ ބިދޭސީން ހޯދުމަށް ކަމަށެވެ. އެފަދަ އޮަޕަރޭޝަން މިމަހުގެ ތެރޭގައި އއ. ތޮއްޑޫގައި ކުރިއަށް ގެންދިޔަކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ތޮއްޑޫގައި ގާތްގަނޑަކަށް 500 އެއްހާ ބިދޭސީން އުޅޭއިރު އެ މީހުންނަ ސުވާލުކުރިއިރު 107 މީހަކު އުޅެމުން ދިޔައީ އެމީހުން ރާއްޖޭގައި މަސައްކަތް ކުރަން ވިސާ ހޯދި ކެޓަގަރީގެ މަސައްކަތުގައި ނޫން ކަަމަށެވެ. އަދި އެ 107 މީހުންގެ ތެރޭގައި އެއްވެސް މައުލޫމާތެއް އިމިގްރޭޝަންގައި ނެތް 14 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެއީ 14 ވަރަކަށް ބަންގްލަދޭޝް މީހުން. އެމީހުން އެ އޮންނަ އުސޫލުން ޑިޕޯޓްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާ ގުޅޭ ގާަނޫނުތައް އިސްލާހުކުރުމާ ގުޅިގެންވެސް މައްސަލަ ހައްލު ހޯދުމަށް ފަސޭހަ ވާނެ ކަމަށެވެ. ބައެއް ބިދޭސީންނަކީ ދިވެއްސަކަށް ފައިސާ ދީގެން އެ މީހާގެ ނިވަލުގައި ހުރެ ރާއްޖޭގައި ތަފާތު ވިޔަފާރިތައް ކުރަމުންދާ މީހުން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ބިދޭސީން ހޯދައި އެ މީހުންނަށް އިހްމާލުވި ދިވެހިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ބިދޭސީން ގާނޫނާ ހިލާފުވުމަށް އެހީވާ މީހުންނަށް ގާނޫނުގައި ބުނާ ޖޫރިމަނާއާއި ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރުވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation


