ޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފި
6 އޮކްޓޯބަރު 2026 - 13:40

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގަ ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ޢަބްދުﷲ އިބްރާހިމް (ސ.ހިތަދޫ/ފިނިފަރު) ދޫކޮށްލި މައްސަލާގައި ، ޕެރޯލް ބޯޑުގެ މެންބަރުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގަ ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ދޫކުރި ޢަބްދުﷲ އިބްރާހިމް މިހާރު ވަނީ އަލުން ހައްޔަރުކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށް ފަހު މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމެވެ.
ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލީ ޤާނޫނީގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި ކަމަށާއި އެއީ ސިޔާސަތުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންކަމަުން އެ ބޯޑުގެ މެންބަރުންނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި، ބޯޑުގެ މެންބަރުން މިހާރު ވަކި ކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ ގަސްތުގައި ކަމަށް ބެލެވޭނެ ހާލަތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ އިންޓެންޝަނަލީ އެއިން އެއްވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތްކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގައި ބަލަންޖެހޭ ބައެއްކަންކަން ބަލަންޖެހޭވަރަށް ނުބެލިއޭ އެއޮތީ،" މިނިސްޓަރު އަލީ އިހްސާން
މިނިސްޓަރު ވިދާޅުވީ ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްފައިވަނީ އޭނާގެ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް ޤާނޫނީ ލަފާ ހޯއްދަވައި އެ ނިންމުން އަނބުރާ ބަދަލުކުރަން އެންގުމުން އެ ނިންމުން ބަދަލުކޮށް އަންގާރަ ދުވަހު އޭނާ އަނބުރާ ބަންދަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ އަދުގެ ސަރުކާރުގެ މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތު ވަރަށް ސާފު ކަމަށާއި މަސްތުވާތަކެތި ތްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާހުކޮށް އެފަދަ ކުށްތައް ކުރިން ކޮށްފައިވާ މީހުންނަށް އަދަބު ލުއިނުކުރެވޭގޮތަށް ހަދާފައިވާ ކަމަށެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ އިބްރާހިމް ގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19ގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޕެރޯލްގެ ދަށުން އޭނާ ދޫކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ އިބްރާހިމް އަށް 2 ގަޞިއްޔާގެ ދަށުން 12 އަހަރާއި 6 މަސް ދުވަހުގެ 3 ހުކުމް އިއްވާފައިިވާއިރު އޭނާއަށް އެ މުއްދަތުގެ ހުކުމެއް ކުރީ އިއުތިރާފުގެ އެއްބަސްވުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހެދުމުންނެވެ.

-01.jpg&w=3840&q=75)
