logo
Bank of Maldives

Bank of Maldives

ޚަބަރު

ފަހި ފްލެޓްތައް ހަވާލުކުރުން އަވަސްކޮށް މިރޭ ޕޯޓަލް އިން އަންގަން ފަށަނީ

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 12:14
ފަހި ފްލެޓްތައް ހަވާލުކުރުން އަވަސްކޮށް މިރޭ ޕޯޓަލް އިން އަންގަން ފަށަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓު ލިބުނު މީހުންނާ އެތަންތަން ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހު އެންގުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން ނޯޓިސް ފޮނުވަމުންދާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް މެންދުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ އައު ތާރީހުތައް ފަހި ފޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އަންގަމުންދާނެ ކަމަށެވެ.  ވަރަށް އަވަހަށް އެކަމުގެ އިތުރު ތަފްސީލު ވެސް އާންމުކުރާނެކަމަށާއި އަމާޒަކީ މާދަމައިން ފެށިގެން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށުންކަމަށް ހަމްދާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްލެޓްތައް ހަވާލުކުރުން އަވަސްކުރަން ނިންމާފައިވަނީ އެތަންތަން ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އަހަރުގެ ކުރިން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

އެފްޑީސީން ހުޅުމާލޭ 2ގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކުން ޑިޕޮސިޓާއި ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައިވަނީ ރައީސް މިހާރު މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިންނެވެ. އެ ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރެއްވުމުން، އަގުތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސްގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ 25،000 ރުފިޔާއެވެ. އަދި ކުލީގެ ގޮތުގައި ކޮންމެ މަހަކު 10،500 ރުފިޔާ ދައްކަން ޖެހެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭއިރު މަހު ކުލީގެ ގޮތުގައި 8،000 ރުފިޔާ ދައްކަންޖެހެއެވެ.

މި އަގުތަކަކީ އާންމު ރައްޔިތަކަށް ދައްކަން ދަތި އަގުތަކެއް ކަމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،000 ރުފިޔާއަށް އަދި ދެ ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ.

ރައީސްގެ އެ ވައުދު ފުއްދަވައި ތަންފީޒުކުރުމަށް މިހާރު އެ ފްލެޓުތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާކަން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވިގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ބަދަލު ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާ އެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހި ފްލެޓްތައް ހަވާލުކުރުން އަވަސްކޮށް މިރޭ ޕޯޓަލް އިން އަންގަން ފަށަނީޚަބަރު | 3 ގަޑިއިރު ކުރިންއަމާން އުދަރެހުގައި ޖީޕީ ކްލިނިކެއް ތަރައްގީކުރަނީ ޚަބަރު | 11 ދުވަސް ކުރިންއެތައް ބަޔަކު ބޯހިޔާވަހިކަމަށް ސަލާންޖަހަނިކޮށް ފްލެޓް ލިބުނު މީހުން ކުއްޔަށް، ފިޔަވަޅު އަޅާނެ!ޚަބަރު | 2 މަސް ކުރިންއެފްޑީސީއިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިން