ޒަކާތު ކައުންސިލަށް އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
21 ޑިސެމްބަރު 2025 - 16:31

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޒަކާތުގެ ފުރަތަމަ ޤާނޫނުގެ ދަށުން އެކުލަވާލާ މިިކައުންސިލަކީ ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލާ ކައުންސިލެކެވެ.
އެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ޒަކާތުގެ ޤާނޫނުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ 9 މެންބަރުން ތިއްބަވާނެއެވެ.
ޒަކާތުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން ޒަކާތު ކައުންސިލްގައި ތިބެންވާނެކަމަށް ބަޔާންކޮށްފައިވާތީ، ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.

Ad by Hajj Corporation
މިހާރު އިއުލާންކޮށްފައިވަނީ އާންމުގެ ތެރެއިން ޒަކާތު ކައުންސިލަށް ނަގާ ދެ މެންބަރުން ހޯދުމަށެވެ.
ޒަކާތު ހައުސްއިން ބުނީ ޒަކާތު ކައުންސިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ލަސްވެގެން ޖަނަވަރީމަހުގެ 1 ގެ ކުރިން ކައުންސިލް އެކުލަވާލާނެ ކަމަށެވެ.
ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކަކީ އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯ އިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކުކަމުގައި ވާން ޖެހެއެވެ. އަދި ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި ކުރިމަތިލާ މީހަކީ ދިވެހި ރައްޔިތެއް ކަމުގައިވާން ޖެހެއެވެ.
ޒަކާތު ހައުސްއިން ބުނީ ޒަކާތު ކައިންސިލްއަށް އައްޔަންކުރާ މެންބަރުންގެ މައްސޫލިއްޔަތުގެ ތެރޭގައި މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތުގެމަތިން މި ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ ކަންކަމުގައި ވަޒީރަށް ލަފާ ދިނުމާއި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޒަކާތު ހައުސްއަށް ލަފާ ދިނުން ހިމެނޭކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާކަން ކަށަވަރުކުރުމާއި ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ލަފައެއް ހޯދަން ކައުންސިލަށް ފެންނަ ކަންކަމުގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދުން ހިމެނޭކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ޒަކާތުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރެވޭނެ ގޮތްތައް ދިރާސާކުރުމާއި އެފަދަ ދިރާސާތަކުގެ އަލީގައި ޒަކާތުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާމެދު ވަޒީރަށް ލަފާ ދިނުމާއި ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީކުރުވުމުގެ އިތުރުން ޒަކާތު ކައުންސިލުން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން ހިމެނެއެވެ.


