ޑޮލަރުގެ ސިޔާސަތުތައް ބައްޓަންކުރަނީ ފެކްޓް ބޭސްޑްކޮށް، ދިރާސާތަކަށްފަހު: ރައީސް
26 އޯގަސްޓު 2026 - 19:14

ރާއްޖޭގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އެކަށީގެންވާ ދިރާސާތަކާއި މަޝްވަރާތަކަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެކި ފަރާތްތަކުން ވާހަކަތައް ދެއްކި ނަމަވެސް، އިގުތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި، ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation
ބޭރު ފައިސާގެ މައްސަލައާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ސިޔާސީ ބޭފުޅުން އެކި ކަހަލަ ގޮތްގޮތަށް ވާހަކަދެއްކެވި ނަމަވެސް، އިގުތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދަނީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގުތިޞާދު ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް،" ސަރުކާރުގެ އަމާޒާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ. "ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ."
ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީވެސް "ފެކްޓް ބޭސްޑް" ކޮށް، ނުވަތަ ޙަޤީޤީ މަޢުލޫމާތާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެތައް ދުވަހެއްގެ މަޝްވަރާއާއި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތައް ހެދުމާއި، އެކަމާ ހަވާލުވެ ތިއްބެވި ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ރަނގަޅު އުސޫލެއްގެ ތެރެއިން މި ބަދަލުތައް ގެންނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މިކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް،" އެކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއް އެތައް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި އެކަންކަން ކޮށްފަ ހުންނަ ހުރިހާކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ."
ދިވެހިރާއްޖޭގެ ބޭންކިން ސިނާއަތް ކުރިއަރުވައި އެ ސިނާއަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކޮށް ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގައި ކުރެވޭ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

-01.jpg&w=3840&q=75)
