އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ކޮމޮރޯސް ބަލިކޮށް މޮރޮކޯ އިން މޮޅަކާއެކު ފަށައިފި
22 ޑިސެމްބަރު 2025 - 04:25

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ކޮމޮރޯސްއާ ބައްދަލުކޮށް މޮރޮކޯ އިން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ. މެޗުގެ ކުރީކޮޅު މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، މޮރޮކޯ އިން ވަނީ މެޗުގެ ފަހު ހާފުގައި ދެއްކި މޮޅު ކުޅުމާއެކު ކޮމޮރޯސްގެ މައްޗަށް ކުރި ހޯދާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯ އިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި މޮރޮކޯއަށް ލިބުނު ޕެނަލްޓީ ސޫފިއާން ރަހީމީ ފޮނުވާލުމުން ކޮމޮރޯސްގެ ކީޕަރު ޔަނިކް ޕަންޑޯ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ވަނީ މޮރޮކޯއަށް ލީޑު ނަގައިދީފައެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ނުސައިރު މަޒްރައުއީއެވެ.

Ad by Hajj Corporation
މޮރޮކޯގެ ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔޫބް އެލް ކާބީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ވަރަށް ރީތި ބައިސިކަލް ކިކަކުންނެވެ. މި މޮޅާއެކު މޮރޮކޯ އިން ވަނީ ބައިނަލްއަގުވާމީ މެޗުތަކުން ޖެހިޖެހިގެން ހޯދި 19 ވަނަ މޮޅާއެކު ދުނިޔޭގެ ރެކޯޑު އިތުރަށް އާކޮށްފައެވެ.
މޮޅުވި ނަމަވެސް މޮރޮކޯއަށް ވަނީ އަނިޔާގެ މައްސަލައެއް ކުރިމަތިވެފައެވެ. އެގޮތުން ޓީމުގެ ކެޕްޓަން ރޯމައިން ސައިސްގެ ފައިތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 18 ވަނަ މިނެޓުގައި އޭނާ ވަނީ ބާލާފައެވެ.
މި މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ މާލީ އާއި ޒެމްބިއާއެވެ. އަދި ގްރޫޕް ބީގައި އެންގޯލާ އާއި ސައުތު އެފްރިކާ ބައްދަލުކުރާއިރު، މުހައްމަދު ސަލާހްގެ މިސްރު ނުކުންނާނީ ޒިމްބާބުވޭއާ ދެކޮޅަށެވެ.
މި މުބާރާތް މިއަހަރުގައި ބާއްވަނީ މޮރޮކޯގައެވެ.


