ޕެލޭ ލައިޓް ރެއާލް މެޑްރިޑް ދޫކޮށް ލިޔޯންއަށް
24 ޑިސެމްބަރު 2025 - 06:05

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ، މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން ފްރާންސްގެ ލިޔޯންއަށް ބަދަލުވުމަށް އެއްބަސްވެއްޖެއެވެ. މި ލޯނުގެ މުއްދަތަކީ 6 މަސް ދުވަހެވެ.
މިނީ ޕެލޭގެ ނަމުން ބްރެޒިލްގައި މަޝްހޫރު އުމުރުން 19 އަހަރުގެ މި ކުޅުންތެރިޔާ ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭނާ އެ ކްލަބަށް ބަދަލުވީ ބްރެޒިލްގެ ޕަލްމެއިރަސްއާއެކު ޖެހިޖެހިގެން ދެ ފަހަރު ބްރެޒިލް ލީގު ކާމިޔާބު ކުރުމަށްފަހު، ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

Ad by Hajj Corporation
2024-25 ވަނަ އަހަރުގެ ސީޒަނުގައި 37 މެޗު ކުޅެފައިވީ ނަމަވެސް، މިހާރުގެ ކޯޗު ޒަބީ އެލޮންސޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އެންޑްރިކްއަށް ފުރުސަތު ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާތަނަށް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ތިން މެޗުގައެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 14 މެޗުގައި ތިން ލަނޑު ޖަހާފައިވާ އެންޑްރިކް، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ މިދިޔަ މާޗު މަހުއެވެ. އެއީ ބުއެނޮސް އައިރީސްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ 4-1 އިން ބްރެޒިލް ބަލިވި ވޯލްޑް ކަޕް ކޮލިފައިން މެޗުގައެވެ.
ލީގު 1 ގެ ލިޔޯންއަށް ބަދަލުވުމާއެކު އެންޑްރިކްގެ އުންމީދަކީ ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދައި، އޭނާގެ ހުނަރު ދައްކާލުމެވެ. މީގެ ބޭނުމަކީ އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށްދާ ބްރެޒިލްގެ ސްކޮޑުން އަލުން ޖާގަ ހޯދުގައި، ތަޖުރިބާތަކާއެކު ރެއާލް މެޑްރިޑްގެ ފުރަތަމަ 11 އިން ޖާގަހޯދުމެވެ.


