އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދުތަކަށް ހާއްސަ ލޯނު ސްކީމެއް
25 ޑިސެމްބަރު 2025 - 06:11

އެސްއެމްއީ ޑިޖިޓަލް އިން، ކުމެވި ތަކަށް ހާއްސަކޮށްގެން ކަނޑު އުޅަނދުފަހަރާ ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ.
'ވެސަލް ފައިނޭންސިންގ' ގެ ނަމުގައި ތައާރަފުކުރި މި ފައިނޭންސިންގ ސްކީމްގެ ދަށުން ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށާއި، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިންގ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތާއެކު، 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

Ad by Hajj Corporation
މި ފައިނޭންސިންގ ސްކީމް ފަރުމާކޮށްފައި ވަނީ، ކަނޑު އުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ފަށައިގަތުމުގެ އިތުރުން މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށެވެ.
މި ފައިނޭންސިންގ ސްކީމް މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ފައިނޭންސިންއަކީ ރާއްޖޭގެ އިގުތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ. މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.
ބަދުރުއްދީން އިތުރަށް ވިދާޅުވީ، އެ ބޭންކުގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގުތިސޯދު ހަރުދަނާ ކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ.
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.


