ހެޔޮނިޔަތާއި ޢަމަލުން އެއްބައި ވަންތަ ޤައުމެއް ބިނާކުރުމުގެ ޢަޒުމްގައި
26 ޑިސެމްބަރު 2025 - 15:53

މިއަދަކީ ދިވެހީންގެ މި ޖީލު ދުށް އެންމެ ހިތާމަވެރި އަދި އެންމެ ބިރުވެރި އެއް ހާދިސާ ކަމުގައިވާ ސުނާމީ ކާރިސާއަށް 21 އަހަރު ފުރުނު ދުވަހެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހި ތާރީޚުގައި ކަޅު އަކުރުން ފަވާލެވިފައިވާ ދުވަހެކެވެ. އެ ދުވަހު ކުރިމަތިވި ކުއްލި ނުރައްކަލާއި، ލިބުނު ފުން ހިތާމައިގެ ހަނދާންތަކަކީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނޭ ހަނދާންތަކެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ އެ ހާދިސާގައި ދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުމެވެ.
އެއްބައިވަންތަކަމުގެ ބިންގާ

Ad by Hajj Corporation
މާޒީގެ ސަފުހާތައް އެއްލެމުން އަންނައިރު، އެ ދުވަހު ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމަށް ފަނޑުކަން އައިސް އޮތީ އެއްބައިވަންތަކަމާއި ގައުމިއްޔަތު ދިރުވާން ޖެހިފައެވެ. އެފަދަ އަޒުމެއް ހުރި ވެރިއަކަށް ވެރިކަމަކަށް ބޭނުންވެފައެވެ. ހެޔޮނިޔަތާއި ޢަމަލުން އެކަން ދައްކައި ދިވެހިން އަލުން އެއްބައި ވަންތަ ކުރުވާނެ މަދަދުގާރަކަށް ބޭނުންޖެހިފައެވެ. އެފަދަ މަދަދުގާރެއް ދިވެހީންނަށް ލިބިއްޖެކަމުގެ އިހްސާސް މިއަދު އެބަ ކުރެވެއެވެ. ދިވެހިންގެ ސަފުތައް އަލުން ގުޅުވާލާނެ މާލިމީއެއް ލިބިއްޖެކަމުގެ އިހްސާސް އެބަ ކުރެވެއެވެ. ތައުލީމީ ދާއިރާއިން ފެށިގެން ކުޅިވަރުގެ ޢާއިލާ އާއި އިސް ރަށްވެހިންނާއި، ގަދަރުވެރީންނާއި މިހެންގޮސް ހުރިހާ ގިންތިއަކަށް ޙައްޤު މަގާމު ކަށަވަރުކޮށްދީ، ހިނިތުންކުރުވައި އެއްބައި ކުރުވާ ވެރިއެއް މިއަދު ލިބިފައިވާކަމުގެ އުފާވެރި އިހްސާސް ދިވެހި ޖައްވުން އެބަ ކުރުވައެވެ.
އެކަންކަން ހަގީގަތަކަށް ފުރޮޅާލަދެއްވި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެންމެ މުހިންމު ނަސޭޙަތަކީ އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިއުމުގެ އަސާސީ ބިންގާ ކަމެވެ. ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކަނޑުއުޅަނދުފަހަރުގެ މިސާލުން ބަލާއިރު، ދޯންޏެއް އޭގެ މަންޒިލަށް ސަލާމަތްތެރިކަމާއެކު ދަތުރުކުރުމަށްޓަކައި އޭގެ މަޑޫތައް ބާރަށް ގުޅިފައި ހުންނަންޖެހެއެވެ. ހަމަ އެފަދައިން، ޤައުމުގެ ތަރައްޤީއާއި އުފާވެރިކަން ޙާޞިލުކުރެވޭނީ ހުރިހާ ރައްޔިތުން އެއްބައިވަންތަވެ، އެކަތިގަނޑަކަށް ވެގެންނެވެ. ސުނާމީގެ ބޮޑު ރާޅާއެކު ގެއްލިގެންދިޔަ ގޯތިގެދޮރާއި މުދާ އަލުން އާރާސްތުކުރެވުނީ ދިވެހިންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުންނެވެ.
ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް
ސުނާމީ ކާރިސާއަކީ ދިވެހިންނަށް ގިނަގުނަ ޢިބްރަތްތަކެއް ދަސްކޮށްދިން ހާދިސާއެކެވެ. ކޮންމެފަދަ ދަތި ޙާލަތެއްގައިވެސް މާތްﷲއަށް ވަކީލުކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން މި ހާދިސާއިން ވަނީ ސާބިތުވެފައެވެ. އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރަން ޖެހުނު ޢާއިލާތަކަށް ދިވެހިން ދެއްކި މެހުމާންދާރީއަކީ އިޖުތިމާޢީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ. މީގެ އިތުރުން، ކުއްލި ޙާލަތްތަކަށް ތައްޔާރުވެ ތިބުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމީ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މުހިންމުކަން މި ކާރިސާއިން ވަނީ ދަސްކޮށްދީފައެވެ.
ޤައުމިއްޔަތާއި އާރާސްތުކުރުމުގެ އައު ޒަޢާމަތް
ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. އެމަނިކުފާނު ވަނީ ޤައުމިއްޔަތު ދިރުވުމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފައްދަވައި، ސްކޫލްތަކުގެ މަންހަޖުގައި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ހިމަނުއްވާފައެވެ. މީގެ ބޭނުމަކީ ކުރިމަގުގެ ޖީލުތަކަކީ ޤައުމީ ރޫޙު ހުރި، އެކުވެރި ބަޔަކަށް ހެއްދެވުމެވެ. އަދި ޝަރުޢީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ދެއްވައި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަކީ ޤައުމަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ހެޔޮނިޔަތުގެ ހެކިތަކެވެ.
އަނެއްކޮޅުން ހާވިޔާވެފައި އޮތް ކުޅިވަރުގެ ޢާއިލާ އެއްތަން ކުރަށްވައި އަލުން ކުޅިވަރުގެ ޤައުމީ ޖޯޝް ދިރުވައި ދެއްވައިފިއެވެ. ކުޅިވަރުން އުފެދޭ އެއްބައިވަންތަ ގުޅުމަށް އަލުން ޖާގަ ހޯއްދަވައިދެއްވައިފިއެވެ.
ޤައުމުގެ ގަދަރުވެރީންނާއި އިސް ރަށްވެހިންނާއި، ކުޑަކުދީންގެ ކަރާމަތް ހިމާޔަތްކޮށްދިނުމުގެ ގިނަ މަސައްކަތްޕުޅުތަކެއް ކުރަށްވައިފިއެވެ.
އެއްބައިވަންތަކަމަކީ ގަދަފަދަ ބާރެކެވެ. ސުނާމީ ކާރިސާގެ ހިތި ހަނދާންތަކުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކޮންމެފަދަ ބޮޑު ކަމަކާވެސް ކުރިމަތިލެވިދާނެ ކަމެވެ. މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވީ، ހެޔޮނިޔަތާއެކު ޢަމަލީ ގޮތުން އެއްބައިވަންތަވެ، އަންނާން އޮތް ޖީލުތަކަށް އަމާން އަދި ތަރައްޤީވެފައިވާ ޤައުމެއް ފޯރުކޮށްދިނުމެވެ. ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމެވެ. މިއީ މިއަދުގެ ރައީސްގެ އިލްތިމާސެވެ. އެ އިލްތިމާސްގައި ހިފުމަކީ އެމަނިކުފާނު ކުރިމަގަށް ކުރަށްވާފައި ގައުމިއްޔަތުގެ އިންވެސްޓްމަންޓުން ލިބިދޭނެ އެއްބައިވަންތަ، ހަމަހަމަ، ހަމަޖެހުމާއި، ރައްކާތެރިކަމުގެ އަގުހުރި މޭވާ ދިވެހި ފަސްގަނޑަށް ލިބިގަތުމަށް ކޮންމެ ދިވެހި ދަރިއެއްގެ މައްޗަށް ވާޖިބެއްކަން ދެކެންވާނެއެވެ.


