ފޮތްތެރި ބަޔަކަށް ހިޔާ ސަރަހައްދުގެ މީހުން ހެދުމަށް ފޮތް ކިޔޭނެ ތަނެއް ހަދައި ހުޅުވައިފި
26 ޑިސެމްބަރު 2025 - 16:08

ފޮތްތެރި ބަޔަކަށް ހިޔާ ސަރަހައްދުގެ މީހުން ހެދުމަށް ހުޅުމާލެ 2ގައި ފޮތް ކިޔޭނެ ތަނެއް ހަދައި ހުޅުވައިފިއެވެ.
ފޮތް ކިޔުމަށް ހާއްސަ ތަނެއް ހަދާފައި ވަނީ ހިޔާ ޓަވަރުތަކުގެ މެދުގައި އޮންނަ ހިޔާ ޕާކުގައެވެ.

Ad by Hajj Corporation
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ތަނަކީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި، ފޮތް ކިޔޭނެ ގޮތް މަގުފަހިކުރުމަށް ހެދި ތަނެއް ކަމަށެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެކަށީގެންވާ ދިވެހި އަދި އިނގިރޭސި ފޮތްތައް އެތަނުގައި ހުރެއެވެ.
އޭގެ ތެރޭގައި އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި ޓީން ފިކްޝަން ފޮތްތަކާއި ދިވެހިބަސް ދަސްކުރަން ހާއްސަ ފޮތްތައް އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައް ވެސް ހިމެނެއެވެ.
އެޗްޑީސީން ބުނީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން ފޮތް ކިޔަން ބޭނުންނަމަ، ނުކްއިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައި ވެސް ފޮތް ކިޔަން ތިބެވޭނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުން ދިއުމުގެ ކުރިން ފޮތް އަނބުރާ ހަވާލުކުރަން ޖެހޭނެއެވެ.
އެޗްޑީސީން ހެދި"ރީޑިން ނުކް" ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މިއީ ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށް ކަމަށް އެ އެ ކޯޕަރޭޝަނުން ބުންޏެވެ.


