އެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!
25 ފެބްރުއަރީ 2026 - 15:09

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި "ސިލްވަ ޖުބްލީ" ގެ ހަރަކާތްތައް މާޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އެ ގޮތުން ފުޅަނދުބުރާއި އާޓް ފެސްޓިވަލް ހިމެނޭ ގޮތަށް 10 ހަރަކާތެއް ކުރިއަށް ގެންދަން އެޗްޑީސީ އިން ވަނީ ނިންމާފައެވެ.

Ad by Hajj Corporation
އެޗްޑީސީ އިން ބުނި ގޮތުގައި މި ހަރަކާތްތައް ފަށާނީ ކުންފުނީގެ ފައުންޑަރުންނާއި ގިނަ ދުވަހަށް ހިދުމަތް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހިންގާ "ފައުންޑާސް ޓްރިބިއުޓް" އަދި "ސިލްވަ ވޯކް ވިތު ޓީމް އެޗްޑީސީ" ފަދަ ހަރަކާތްތަކާއެކުއެވެ.
މިގޮތުން އޭޕްރީލް މަހު އެނިވާސަރީ ގާލާ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މި އިވެންޓަކީ އެޗްޑީސީގެ 25 އަހަރުގެ ދަތުރުގައި ބައިވެރިވި ބޭފުޅުންނާއި ޕާޓްނަރުން ބައިވެރިވާނެ ހަފުލާއެކެވެ.
މި ހަފުލާގައި ކުންފުނީގެ ކުރިއެރުމަށް މަސައްކަތްކޮށް ދެއްވި ބޭފުޅުންނަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު "އަހަރެންގެ ހުޅުމާލެ" ފޮތް ރަސްމީކޮށް މި ހަފުލާގައި ނެރޭނެ އެވެ.
މޭ މަހުގެ ތެރޭގައި މައި ހުޅުމާލެ ފެސްޓިވަލް އޮންނާނެއެވެ.
އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި އާންމުންގެ ހުނަރާއި ސަގާފަތް އަދި ކުދި ވިޔަފާރިތަކަށް ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
ސިލްވަ ވޮއިސަސް ވެސް ހަމަ މޭ މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި މި ހަރަކާތަކީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ހަރަކާތެކެވެ.
ހަރަކާތްތަކުގެ ތެރެއިން އެޗްޑީސީ މުވައްޒަފުންގެ އަހަރީ ހަފުލާ ޖޫން މަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ހަރަކާތަކީ ކުންފުނީގައި ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އަދި ޖުލައިމަހު ފުޅަނދުބުރެއް ބާއްވާނެއެވެ.
ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ޖުލައި މަހު ބާއްވާ ހަރަކާތްތަކުގައި އެޗްޑީސީން ފުޅަނދު ބައިވެރި ކުރުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އޮގަސްޓްމަހު އާޓް ފެސްޓިވަލް 2026ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިއީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފެނިގެންދާނެ ފެސްޓިވަލެކެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު އެޗްޑީސީން ކާނިވަލެއްވެސް ބާއްވާނެއެވެ.
މުޅި އާއިލާއަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ކާނިވަލުގައި ތަފާތު ކުޅިވަރުތަކާއި ކާބޯތަކެތި އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިމެނޭނެ އެވެ.
ހަމައެހެންމެ އެނިވާސަރީ ސްޓާފް ރީޓްރީޓްގެ ނަމުގައި ބާއްވާ ހަރަކާތެއް ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ކުޑަގިރީގައި ބާއްވާ މި ހަރަކާތަކީ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުން ބޭރުގައި ހިތްހަމަޖައްސާލުމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެކެވެ.
ހަރަކާތްތައް ނިންމާލާނީ ޑިސެމްބަރު މަހު އޮންނަ ރީވައިންޑް 2026 ހަރަކާތުންނެވެ.
އެޗްޑީސީގެ ސިލްވާ ޖުބްލީގެ ހަރަކާތްތައް ފާހަގަކުރުމަށް ފެށި ހަރަކާތްތައް ނިންމާލާނީ ޑިސެމްބަރު މަހު ބާއްވާ ރީވައިންޑް ހަރަކާތުންނެވެ.


