އެފްރިކަން ކަޕް އޮފް ނޭޝަންސް: މާލީ އިން މުބާރާތުގެ ފޭވަރިޓް މޮރޮކޯ ހުއްޓުވައިފި
27 ޑިސެމްބަރު 2025 - 05:29

މޮރޮކޯގެ ރަބާތުގައި ރޭގައި ކުޅުނު ފޯރިގަދަ މެޗުގައި މޮރޮކޯ އާއި މާލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. މި މެޗަކީ ޕެނަލްޓީތަކާއި، ވީއޭއާރްގެ ނިންމުންތަކުގެ އިތުރުން މާލީގެ ފަރާތުން ފެނިގެންދިޔަ ވަރުގަދަ ކުޅުމަކުން ފާހަގަކޮށްލެވުނު މެޗެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯއިން ވަނީ ބްރަހީމް ޑިއާޒްގެ ލަނޑުން ލީޑު ނަގާފައެވެ. މުޅި ފުރަތަމަ ހާފުގައިވެސް މާލީގެ ޑިފެންޑަރުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރި ޑިއާޒް މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ މާލީގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި މާލީން ކުޅުން ވަރުގަދަކޮށް މޮރޮކޯގެ ގޯލަށް ބާރުބޮޑުކުރިއެވެ. އެގޮތުން މެޗުގެ 60 މިނެޓު ފަހަނައެޅިތަނާހެން މާލީގެ ލަސާނާ ސިނަޔޯކޯއަށް މޮރޮކޯގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނެވެ. ވީއޭއާރް މެދުވެރިކޮށް ހަތަރު މިނެޓު ވަންދެން ބެލުމަށްފަހު ދިން މި ޕެނަލްޓީ، މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިނަޔޯކޯއެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ދެ ޓީމުންވެސް މެޗުން މޮޅުވާނެ ލަނޑެއްޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ. މި ނަތީޖާއާއެކު މޮރޮކޯ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. މާލީއަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މިމުބާރާތް މިއަހަރުގައި ބާއްވާ މޮރޮކޯގެ ޓީމަކީ މިއަހަރުގެ މުބާރާޓުގެ އެންމެ ސްޕަ ސްޓާރުން ގިނަ މުބާރާޓުގެ ފޭވަރިޓް ޓީމެވެ.


