މިހާތަނަށް ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން، އެންމެ ގިނައީ ޗައިނާ ފަތުރުވެރިން
28 ޑިސެމްބަރު 2025 - 07:42
.webp&w=2048&q=75)
ނިމެމުން މިދާ 2025 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖެއަށް 2،213،795 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 2,014,577 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު ޒިޔާރަތްކުރީ 1,849,937 ފަތުރުވެރިންނެވެ.

Ad by Hajj Corporation
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖް ގޮތެއްގައި ދުވާލަކު 6،132 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ރާއްޖެއަށް މި އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރު ވެސް އެ މަގާމުގައި އޮތް ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށސް 328،593 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ މާކެޓް ޝެއާގެ 14.8 އިންސައްތައެވެ.
ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާއިން 272،852 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 199،570 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ލިސްޓުގެ ހަތަރުވަނައިގައި 166،079 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތް އޮތްއިރު ފަސްވަނައިގައި އިޓަލީ އޮތީ 147،529 ފަތުރުވެރިންނާއެކުއެވެ.
އަވަށްޓެރި އިންޑިއާއިން އަހަރުގެ މިހާތަނަށް 130،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އެއީ މާކެޓް ޝެއާގެ 5.9 އިންސައްތައެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަން ފާހަގަ ކޮށްލެވެއެވެ. އެއީ1,625,306 ފަތުރުވެރިންނެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.6 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 482,483 ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 57,537 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވެއެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި މުޅި ޖުމްލަ 1313 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 66805 އަކަށް އަރައެވެ.


