މަކަރުން 50،000 އަށްވުރެ ގިނަ ރުފިޔާ އަތުލި މީހަކު ހައްޔަރުކޮށްފި
28 ޑިސެމްބަރު 2025 - 11:03

އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ފުލުހުން ހޯދައި ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ގުލްޝަންކިނާރާ، އަޙްމަދު ޢިރުފާލް (36އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގެ ތުހުމަތުގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation
މި މައްސަލައިގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އޭނާ ވަނީ 2025 މެއި މަހުން ފެށިގެން އެކި މީހުންނަށް އޮޅުވާލައިގެން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ. މި ފައިސާތައް އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓުތަކަށް ޖަމާކުރުމަށްފަހު ވަނީ ނަގާފައެވެ.
އަޙްމަދު ޢިރުފާލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.


