'‘ކޮންމެ ކުއްޖަކަށް އާއިލާއެއް’' ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި
29 ޑިސެމްބަރު 2025 - 10:33

ސަރުކާރުން ކުރިއަށްގެންދާ ‘ކޮންމެ ކުއްޖަކަށް އާއިލާއެއް’ ސިޔާސަތުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިހާތަނަށް 110 ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation
ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލެއްގައި ބޮޑުވުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި، ހުނަރުތައް ތަރައްޤީވުމަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. މި ސިޔާސަތުގެ ދަށުން ކުދިންނާ ހަވާލުވާ އާއިލާތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށާއި، އެ އާއިލާތަކުން ކުދިން ބެލެހެއްޓުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފ. އަތޮޅުގައި އައު އަމާންވެއްޓެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. މިއީ ކުދިން މުޖުތަމަޢުގެ ތެރޭގައި ރައްކާތެރިކަމާއެކު ބޮޑުވުމަށް މަގުފަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް 23 ކުއްޖަކަށް އިންޓާންޝިޕްގެ ފުރުސަތު ހޯދައިދީފައިވާއިރު، 40 ކުއްޖަކަށް އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފަދަ ހަރަކާތްތަކުގެ ތެރެއިން ކުދިން މުޖުތަމަޢަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މި ހުރިހާ މަސައްކަތެއްގެވެސް މައިގަނޑު މަޤްޞަދަކީ ކޮންމެ ކުއްޖަކަށްވެސް އުފާވެރި އަދި އުންމީދީ މުސްތަޤްބަލެއް ހޯދައިދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.


