ބަނގުރާ ފުޅިއަކީ ހަދިޔާއަކަށް ލިބުނު އެއްޗެއް ކަމަށް ކޯޓުގައި ބުނެފި
29 ޑިސެމްބަރު 2025 - 10:52

ބަނގުރާ ފުޅިއަކާއެކު ހައްޔަރު ކުރި މީހަކު، ބަންދާއި މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ފުޅިއަކީ އޭނާއަށް ހަދިޔާއަކަށް ލިބުނު ބަނގުރާ ފުޅިއެއް ކަމަށް ކޯޓުގައި ބުނެފިއެވެ.
މާލެއަށް ނިސްބަތްވާ 57 އަހަރުގެ ފިރިހެން މީހާ ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ އެއީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށާއި ފުޅި ފުލުހުން އަތުލައިގަތްއިރު ހުންނާނީ ނުކަނޑައި ކަަމަށެވެ. އޭނާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ވަނީ ބަންދަށް ޖަހާފައެވެ.

Ad by Hajj Corporation
ފުލުހުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 57 އަހަރުގެ ހ. ކަޅުވަކަރުގެ، ހުސައިން ފިރާޒެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވުނުއިރު، އޭނާ ވަނީ ތަފާތު ގޮތްގޮތަށް ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ގްރާމް ހަމަނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މައްސަލަ ބެއްލެވި ގާޒީ ނެރުއްވި އަމުރުގައި ވާގޮތުން، އެ މީހާ ދެއްކި ވާހަކަތަކަށް ބަލާއިރުވެސް އޭނާ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނުކަން ސާބިތުވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށް، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.
އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް އަމުރުގައިވެއެވެ.


