އައްޑޫއާއި ކުޅުދުއްފުށީގައި ސިނަމާ ކޮމްޕްލެކްސް އެއް ގާއިމުކުރަނީ
30 ޑިސެމްބަރު 2025 - 12:01

މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރާ ސިނަމާ ކޮމްޕްލެކްސް އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން މި މަސައްކަތުގެ ތެރޭގައި ފިލްމު އެޅުވުމަށް ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ވަޒޯރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެހެންކަމުން ލަސްތަކެއްނުވެ އެމަސައްކަތްވެސް އަންނަ އަހަރު ފަށައިގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ކުޅުދުއްފުށި ސިޓީގައި ސިނަމާ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ފިލްމު އުފައްދާ ފަރާތްތަކަށް އަތޮޅުތަކުގައި ފިލްމު އެޅުވުމަށް ދަތިތަކާ ކުރިމަތިވާންކަން ފާހަގަކުރައްވާ، ފިލްމު އެޅުވުމަށް ބޮޑެތި ސިޓީތަކުގައި ސިނަމާތައް ހުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
ކުޅުދުއްފުށީގައި ވަރަށް އަވަހަށް އެމަސައްކަތް ފަށައި ނިންމާލެވޭނެ ކަމަށާއި، އޭގެ ކަރުދާހުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކުރާ ސިނަމާ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން އެތަންވެސް ބޭނުންކުރަން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސިނަމާ ހެދުމަށް ގިނަ ތަންތަން ފާހަގަކުރެވިފައިވާއިރު، މާލޭގެ އިތުރުން އުތުރާއި ދެކުނުގައި ފިލްމު އެޅުވޭނެ ފުރިހަމަ އިންތިޒާމުތަކެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު އެމަސައްކަތް ފަށައި، ނިންމާނެ ކަމަށްވެސް ޒުވާނުން ބާރުވެރި ކުރުވުމާއިމައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާތަކެއް ތަރައްޤީ ކުރަން ސަރުކާރުން ނިންމާފައިވާއިރު، މިހާރު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ. ކޮވިޑަށް ބަންދު ކުރުމަށްފަހު، އެތަނަށް ޒަމާނީ ބަދަލުތަކެއް ގެނެވި 2023 ވަނަ އަހަރު އަލުން ހުޅުވިއެވެ.


