ވީއައިއޭގެ އައު ޓާމިނަލުގައި ދިވެހިންނަށް އީގޭޓުގެ ޚިދުމަތް ފަށައިފި
31 ޑިސެމްބަރު 2025 - 08:06

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލުގައި ދިވެހީންނަށް އީ ގޭޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް މިއަދު ފައްޓަވައި ދެއްވީ, ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް, އަޙްމަދު ފަސީހުއެވެ. އެކަމަށްޓަކައި އައު ޓާމިނަލްގައި ޙާއްސަ ހަފްލާއެއް ބޭއްވިއިރު އެ ހަފުލާގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފާއި އެހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މިއަދުން ފެށިގެން އާ ޓާމިނަލްގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓު ވަނީ ބަހައްޓައިފައެވެ.
އިމިގްރޭޝަނުން ބުނީ މި ޚިދުމަތް ފެށީ ހަމައެކަނި ދިވެހީންނަށް ކަމުގައި ވީނަމަވެސް، ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެރައިވަލްގައި 10 އީ-ގޭޓު އަދި ޑިޕާޗާގައި 10 އީ-ގޭޓު ބަހައްޓައި، ބިދޭސީން ހިމެނޭނޭހެން ޚިދުމަތް ފަށާނެ ކަމަށެވެ. އެ ޚިދުމަތް މި ފެށޭ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހަދައި, މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުޅުވި އައު ޓާމިނަލުގައި، އެ ޓާމިނަލުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެފަދަ އެތައް ޚިދުމަތް ގާއިމްކޮށްފައިވެއެވެ.
އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި އީ-ގޭޓު ފާހަގަކުރެވޭއިރު ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އީ ގޭޓް ބޭނުން ކުރަން ޖެހޭނީ އީގެޓް ކައިރިއަށް ދިޔުމަށްފަހު ބޯޑިން ޕާހުގެ ބާކޯޑު ޖައްސައިލާށެވެ. ޕާސް ރީޑުކުރި ކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ފާސް ނަގާނީއެވެ.
އެއަށްފަހު ދެން ޖެހޭނީ ޕާސްޕޯޓުގެ ބަޔޯ ޑާޓާ ޕޭޖް ސްކްރީނުގައި ޖައްސާލާށެވެ. އެންމެ ފަހު ކަމަކަށް ޕާސްޕޯޓާ ހަވާލުވި ވަގުތު ވެރިފިކޭޝަން ނަގާފައިވާ އިނގިލި ފިންގަ ޕްރިންޓު ރީޑުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެއެވެ.


