ފާހިޝް އަމަލުތަކާއެކު މަސާޖު ޕާލާ ހިންގަނީ ބޭނުންހިފާ މީހުން އުޅޭތީ: ރައީސް
31 ޑިސެމްބަރު 2025 - 11:06

ފާހިޝް އަމަލުތަކާއެކު މަސާޖު ޕާލާ ހިންގަނީ ބޭނުންހިފާ މީހުން އުޅޭތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.
ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަން ފަހުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އަދި މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށެވެ.

Ad by Hajj Corporation
ރައީސް ވަނީ ހާލަތު ބަދަލުކުރަން އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވުން ލާޒިމުކަމަށް ވިދާޅުވެފައެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި، އެ އޮޕަރޭޝަނުގައި ބައެއް ބިދޭސީން ހައްޔަރުކޮށް، އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމުގެ ބޭނުމުގަ އެވެ.
ރައީސް ވިދާޅުވީ އެ އޮޕަރޭޝަން ފަަށައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެ މަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަަނީ އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.


