ކޯނަރު ރެކޯޑުތައް ކޯނަރ އެފްސީއިން މުގުރަންފަށައިފި
1 ޖެނުއަރީ 2026 - 06:29

އާސެނަލް އިން 2025 ވަނަ އަހަރު ނިންމާލީ އެސްޓަން ވިލާގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް ހޯދައި، ޕްރިމިއާ ލީގުގެ ތާރީޚުން މުހިންމު ޖާގައެއް ކަށަވަރުކޮށްގެންނެވެ. މި މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ސެޓް-ޕީސް އަކުން ގަބްރިއަލް މަގަލްހައެސް އެވެ.
މި ލަނޑަކީ 2025 ވަނަ އަހަރުގެ ތެރޭގައި ކޯނަރުތަކުން އާސެނަލް އިން ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި ކޯނަރުން ޓީމަކުން އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ފަހަރެވެ.

Ad by Hajj Corporation
މީގެ އިތުރުން، އާސެނަލް ވެފައިވަނީ ޖެހިޖެހިގެން ދެ އަހަރު ސެޓް-ޕީސްތަކުން 20 އަށްވުރެ ގިނަ ލަނޑު ޖެހި ޕްރިމިއާ ލީގުގެ ދެވަނަ ޓީމަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ހަމައެކަނި އޭއެފްސީ ވިމްބަލްޑަން އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އާސެނަލް އިން 2024 ވަނަ އަހަރު ސެޓް-ޕީސްތަކުން (ޕެނަލްޓީ ނުލައި) 21 ލަނޑު ކާމިޔާބުކޮށްފައިވާއިރު، 2025 ވަނަ އަހަރު މިހާތަނަށް ވަނީ މިފަދަ 20 ލަނޑު ހަމަކޮށްފައެވެ. މިއީ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ސެޓް-ޕީސްތަކުގައި އެ ޓީމުން ދައްކަމުންދާ ވަރުގަދަ ކުޅުން ހާމަކޮށްދޭ ކަމެކެވެ.
އާސެނަލް އަންނަނީ ފަހަކަށް އައިސް ބޮޑެތިމެޗުތަކުގައި އެންމެ މުހިންމުވަޤުތުގައި ސެޓްޕީސްތަކުން ގޯލުޖަހަމުންނެވެ. މިކަމުގެ ސިއްރަކީ މީގެކުރިން މެންޗެސްޓަރ ސިޓީގައި މަސައްކަތްކުރި ސެޓްޕީސް ކޯޗު އާސެނަލް ގައި މަސައްކަތްކުރަންފެށުމެވެ. އެގޮތުން އާސެނަލް މިހާރުވެފައިވަނީ ފަހުގެ ތާރީޚެއްގައި ޔޫރަޕުގެ ފުޓްބޯޅައިގައި ސެޓްޕީސްތަކާއި ކޯނަރުތަކުން އެންމެ ކާމިޔާބު އެއް ޓީމަށެވެ.


